ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލައަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރި ފަހުން ދޮޅު މަސް ފާއިތުވެއްޖެ އެވެ.
މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދުގެ ބަދަލުގައި މިހާރު ވަނީ އެހެން ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެހެންކަމުން މިހާރު އެ ކޯޓުގެ ދެ ފަނޑިޔާރަކު މަދުވާތީ ދުސްތޫރީ މައްސަލަތައް ބަލަން ބޭނުންވާ ގާނޫނީ އަދަދު ހަމައެއްނުވެ އެވެ.
އޭގެ އިތުރުން، ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއާ ދެ ފަނޑިޔާރުންނާ ހަވާލުކޮށްފައިވާ މައްސަލަަތައް ވެސް އޮތީ ހުއްޓިފަ އެވެ. އެހެންވެ، އެ ކޯޓުގައި މިވަގުތު ކުރިއަށް ގެންދެވޭނީ ނިސްބަތުން ވަރަށް މަދު މައްސަލައެކެވެ.
ސުޕްރީމް ކޯޓުން މައްސަލައެއްގެ އަޑުއެހުން އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ މީގެ އަށް ދުވަސް ކުރިންނެވެ. އޭގެ ކުރިން އަޑުއެހުމެއް ބޭއްވީ މަހެއްހާ ދުވަސް ކުރިންނެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރި ފަހުން މި ހިނގައިދިޔަ މުއްދަތުގައި ބާއްވާފައި ވަނީ އެންމެ ފަސް އަޑުއެހުމެކެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ ކުއްލި ގޮތަކަށް، ގޮނޑި ގެއްލުވައިލެވޭ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަތަންވެފައި އޮއްވަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރަން ނިންމި ބައްދަލުވުމަށް ދިނީ އެންމެ 13 މިނެޓުގެ ނޯޓިހެކެވެ. އެހެންކަމުން ޖޭއެސްސީގައި ކޯޓުތައް ތަމްސީލު ކުރާ އެއްވެސް ބޭފުޅަކަށް އެ ބައްދަލުވުމުގައި ބައިވެރިވެވިފައެއްނުވެ އެވެ.
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލަތައް ސުއޫދުގެ ފަރާތުން ވަނީ ބައިނަލްއަގްވާމީ ބައެއް އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްފަހު ޖޭއެސްސީއިން އެ ފަނޑިޔާރުންނާ ދެކޮޅަށް ހިންގާ ތަހުގީގުގައި އެއް ފަނޑިޔާރަކަށް ގާނޫނީ ވަކީލަކު ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. އަދި ބައެއް މައްސަލަތަކުގައި ހާޒިރު ކުރި ހެކިން ނުބުނާ ބައެއް އެއްޗެހި ހިމަނައިގެން ކޮމިޝަނުން ވަނީ ރިޕޯޓު ވެސް ތައްޔާރުކޮށްފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment