14 އޭޕްރީލް 2025 - 10:54 0
14 އޭޕްރީލް 2025 - 10:54 0
ވޮލީބޯލް އެސޯސިއޭޝަން ކަޕް 2025 ގެ ސެމީ ފައިނަލުން މުޅިން އަލަށް ވާދަކުރާ ފްލެކްސާ ސްޕޯޓްސް ކްލަބް ޖާގަ ހޯދިއިރު، މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ގުޑް ގޭމްސް ވޮލީބޯލް އެކަޑަމީ އަތުން ބަލިވެ، ރެލިގޭޓް ވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފްލެކްސާ އިން އަސްދިގަ ސްޕޯޓްސް ކްލަބް ބަލިކުރީ ސީދާ ތިން ސެޓުންނެވެ.
މުޅި މެޗުގައި ވެސް ފްލެކްސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 25-14، 25-14 އަދި 25-03 އިންނެވެ.
ގުޑް ގޭމްސް ސްޕޯޓްސް އާއި ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން މިރޭ ގުޑް ގޭމްސް ސްޕޯޓްސް އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ 26-24 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ވެސް ޔޫތު ނިއު ޖެނެރޭޝަންގެ ކުޅުން ފެނިގެން ދިޔައީ ދަށް ކޮށެވެ. މި ދެ ސެޓު ގުޑް ގޭމްސް އިން ގެންދިޔައީ، 25-19 އަދި 25-10 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓުގެ ބޮޑުބައި ޔޫތު ނިއު ޖެނެރޭޝަނުން ލީޑު ކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު ގޭމުގެ ތެރެއަށް ވަދެ ގުޑް ގޭމްސް އިން ވަނީ ކައިރިކައިރީގައި ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް އެ ޓީމު ކޮޅަށް ސެޓު އަނބުރާލައިފަ އެވެ. މި ސެޓު ގުޑް ގޭމްސް އިން ކާމިޔާބުކުރީ 25-20 އިންނެވެ.
މި ނަތީޖާތަކާއެކު މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން މި މުބާރާތުގެ ސެމީއިން ޖާގަ ހޯދައިފައިވަނީ ކްލަބް ވެމްކޯ، ޕޮލިސް ކްލަބް، ހުރާ ކޮމިއުނިޓީ ކްލަބް އަދި ފްލެކްސާ އެވެ.
Comment