13 އޭޕްރީލް 2025 - 10:20 0
އަހުމަދު އާއިދު
ޮފޮއްތެޔޮ ފަޅު: ވ. އަތޮޅު ކައުންސިލުން ހުށަހެޅި މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފަ -- ފޮޓޯ: ގޫގުލް އާތު
13 އޭޕްރީލް 2025 - 10:20 0
ކްރޮސް ސަބްސިޑީގެ ގޮތުގައި ވ. ފޮއްތެޔޮ ފަޅު (ދިއްގަރު ފަޅު) ކުއްޔަށް ދިނުން ހުއްޓުވަން ވ. އަތޮޅު ކައުންސިލުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސަރުކާރުން މި ފަޅު ކުއްޔަށް ދޫކުރަނީ އެއާޕޯޓުތައް ތަރައްގީކުރަން ކްރޮސް ސަބްސިޑީގެ ގޮތުގަ އެވެ. މި ފަޅަށް އިންވެސްޓުކުރަނީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ އަމަން ރިސޯޓްސް އިންނެވެ.
ވ. އަތޮޅު ކައުންސިލުން މި މައްސަލަ ކޯޓަށް ހުށަހެޅީ ފޮއްތެޔޮ ފަޅު ވިއްކަނީ އެ ކައުންސިލުގެ ރުހުން ނެތި، ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. ފަޅު ކުއްޔަށް ދިނުން ހުއްޓުވުމަށް ކޯޓު އަމަރުކަށްވެސް އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ އަމުރު ނުދިނުމަށެވެ.
މި މައްސަލާގައި ދައުލަތުން ކޯޓުގައި ބުނީ، މައްސަލަ ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތް ކަމަށެވެ. ސަރުކާރުން ނެގި ނުކުތާއަކީ، އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅީ ނުބައި އުސޫލެއްގެ ދަށުން ކަމަށެވެ. ކައުންސިލުން މައްސަލަ ހުށަހެޅީ އިހްތިލާފު އޮންނަ ބާވަތުގެ މައްސަލައެއްގެ ގޮތުގަ އެވެ. ދައުލަތުން ބުނީ މި މައްސަލާގައި ކުރަން ޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކަމަށެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި މިދިޔަ ހަފުތާގައި ކުރި ހުކުމް އޮތީ ދައުލަތުން ހުށަހެޅި ނުކުތާތަކާ އެއްގޮތަށެވެ. ކޯޓުން ބުނީ މި މައްސަލަ މިހާރު ހުށަހެޅިފައި އޮތްގޮތުން މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމައި ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
އަމަން ރިސޯޓްސްއިން މި ފަޅުގައި ތަރައްގީކުރާ ރިސޯޓު ހިންގަން ވަކިން އޮންނަ 27 ރަށެއް ހިއްކަން މާސްޓާ ކޮންސެޕްޓް ޕްލޭނެއް ވަނީ ހުށަހަޅާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވާ މާސްޓާޕްލޭން ކޮންސެޕްޓުގެ ދަށުން، އަމަން ރިސޯޓްސްއިން ހިއްކާ ރަށްތައް ހުންނާނީ ކަނޑުގައި އުޅޭ ދިރުންތައް ސިފަވާ ގޮތަށެވެ. އޭގެ ތެރޭގައި، ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ގިނައިން ބަލާހިތްވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމަޑި ސިފަވާ ގޮތަށް ފަރުމާކޮށްގެން ހިއްކާ ރަށްތައް ވެސް ހިމެނެ އެވެ.
އެ ރިސޯޓު ޑިޒައިންކުރީ ސިންގަޕޫރުގެ މަޝްހޫރު ކެރީ ހިލް އާކިޓެކްޓްސް (ކޭއެޗްއޭ) އިންނެވެ. ގިނަ އެވޯޑުތަކެއް ހޯދާފައިވާ ކޭއެޗްއޭއަކީ އަމަންގެ އެހެން ރިސޯޓުތަކާއި ވަން އެންޑް އޮންލީ އާއި ކޯމޯގެ ރިސޯޓުތައް ފަރުމާކޮށްފައިވާ އާކިޓެކްޓުންތަކެކެވެ. އެ މީހުންގެ ޑިޒައިންތަކުގައި އެންމެ ހާއްސަ އެއް ސިފައަކީ ތަނެއްގެ ވަށައިގެންވާ މާހައުލުގައި ހިމެނޭ ސިފަތަކަށް ބިނާކޮށް އިމާރާތްތަކާއި ތަންތަން ފަރުމާކުރުމެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment