ހަންގޭރީއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެއިން މަޝްވަރާކޮށްފި

13 އޭޕްރީލް 2025 - 08:29 0

ހާރިޖީ ވަޒީރު ހަލީލު އަދި ހަންގޭރީގެ ފޮރިން މިނިސްޓަރު: ނަތަންޔާހޫ ހަންގޭރީއަށް ދިޔުމުން އޭނާއަށް ހިމާޔަތް ދިން -- ފޮޓޯ: ހާރިޖީ އޮފީސް


ހަންގޭރީއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެއިން މަޝްވަރާކޮށްފި

13 އޭޕްރީލް 2025 - 08:29 0

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ގޮން ޖަހައި އޭނާއަށް ހިމާޔަތް ދިން ހަންގޭރީއާއެކު ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހިނގާ އޭޕްރީލް 3، ގައި ނަތަންޔާހޫ ހަންގޭރީއަށް ކުރި ހަތަރު ދުވަހުގެ ދަތުރުގައި އޭނާ ހައްޔަރުކޮށް އައިސީސީއާ ހަވާލު ކުރަން އެ ކޯޓުން އެންގި އެވެ. ނަމަވެސް އެ އެންގުމަށް ތަބާވާން ހަންގޭރީއިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއަށްފަހު ހަންގޭރީއިން އައިސީސީއިން ވަކިވާން ހުށަހަޅައިފަ އެވެ.

ހަންގޭރީއާއެކު ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރުން މަޝްވަރާތަކެއް ކުރިއަށްގެންދިޔައީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާރްތޯއާއެކު ދިވެހި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ތުރުކީގައި ކުރިއަށްގެންދާ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ހަންގޭރީ އާއި ރާއްޖޭގެ ގުޅުން ކުރިއަށްދާ ގޮތާމެދު މަޝްވަރާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ނަތަންޔާހޫއާއެކު


އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ނަސްލުހޭދު ކުރުމުގައި މިހާތަނަށް ފަލަސްތީނުގެ 61،700 މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. މަރާލި އަންހެނުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ.

ފަލަސްތީނުގައި ހިންގާ ނަސްލުހޭދު ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.