13 އޭޕްރީލް 2025 - 14:15 4
ލީވާން އަލީ ނާސިރު
އާޓްވޯކް: އިސްމާއިލް އިމްދާދު
13 އޭޕްރީލް 2025 - 14:15 4
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި ބަންދުކޮށްފައި ހުއްޓައި މިދިޔަ ހަފުތާގައި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރިއިރު، ގޮޅިތައް ފެންނަ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި އެޕްރިލް 4، ގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ ހދ. ކުޅުދުއްފުށި، މަނާޒް، ސާޖިދު ސަމީރު، 34 މަރުވީ އެޕްރިލް 6، ގަ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މީހަކު އަމިއްލައަށް ދަންޖެހުނެވެ. އެއީ އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ. އޭނާ މަރުވި ފަހުން، ގޮޅިތައް ފެންނަ ގޮތަށް ކެމެރާ ހަރު ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން އޮތީ ލަފާ ދީފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އަދަދު އަށް ވިދާޅުވީ ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި 2022 ގެ މަރަށް ފަހު މިހާތަނަށް ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުވާ ކަމަށެވެ.
"ރާއްޖޭގައި އެބައުޅޭ 30 ވަރަކަށް ކަސްޓޯޑިއަލް ފެސިލިޓީސް އަޅުގަނޑުމެންގެ. އަދި ހުރިހާ ތަކު ނުޖެހޭ ކެމެރާ. ކެމެރާ ޖަހަމުން އެދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކަސްޓޯޑިއަލް ހުރިހާ ޖަލެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް މިދިޔަ އަހަރު ޕްރޮކިއުމަންޓް ޕްރޮސެސް ފަށާފައިވާއިރު، އެ މަސައްކަތް ނިމޭއިރު ހުރިހާ ތަނެއްގައި ކެމެރާ ހުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ސާޖިދު އަދި ފައިސަލްއަކީ ވެސް މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ ދެ މީހުންނެވެ.
ފުލުހުން އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ މީހުން ތިބޭ ގޮޅިތައް ފެންނަ ގޮތަށް ކެމެރާ ހަރު ކުރަން އެޗްއާރްސީއެމުން ލަފާ ދިނީ 2022 ވަނަ އަހަރެވެ.
އޭގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ގޮޅިން ނެރުމަށްފަހު ބޭރުގައި ބައިންދާ ސަރަހައްދަކީ ސީސީޓީވީ ހަރުކޮށްފައި ހުންނަ ސަރަހައްދެއްކަން ކަށަވަރުކޮށް، އެފަދަ މީހުން ގާތުން ބަލައި މޮނިޓާ ކުރަން ވެސް އެޗްއާރްސީއެމް އިން ލަފާ ދިނެވެ
ސާޖިދު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައިގައި އެޗްއާރްސީއެމް އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ފުލުހުންގެ އެތެރޭގެ ތަހުގީގެއް އަންނަނީ ހިންގަމުންނެވެ.
Comment