14 އޭޕްރީލް 2025 - 05:41 2
އަމަން ހަލީމް
ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު: އީކުއޭޓާ ވިލެޖުގެ ބަޔެއްގެ ގޮތުގައި އެކޮމޮޑޭޝަން ހުރި ބިން އަތުލީ އޭއައިއޭއަށް ނޭނގި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
14 އޭޕްރީލް 2025 - 05:41 2
ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފެންވަރު ރަނގަޅު ބައިނަލްއަގުވާމީ ވައިގެބަނދަރުތަކެއް ތަރައްގީކުރަން ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއަށް ފަންޑުކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓު ފެސިލިޓީންނެވެ.
ގާތްގަނޑަކަށް ބައި ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި އައްޑޫ ފައްކާކުރަން ހިންގާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ގަމުގައި އެންމެ ޒަމާނީ ފެންވަރުގެ ފަސިންޖަރު ޓާމިނަލްއަަކާއެކީ އެއާޕޯޓަށް ބޭނުންވާ އެހެން ހުރިހާ ވަސީލަތެއް ތަރައްގީކުރެވިގެން ދާނެ އެވެ.
ނަމަވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ މަގު ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އެ މަސައްކަތް ހުއްޓުނީ އެ މަގު ތަރައްގީކުރާ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ހުސްކުރަން، އެ އިމާރާތް ބޭނުންކުރަމުން އަންނަ އީކުއޭޓާ ވިލެޖުން ދެކޮޅު ހަދަމުންދާތީ އެވެ. މި ކަންތައްގަނޑުގެ ތެރޭގައި ދެ އަހަރެއް ހޭދަވެފައިވާއިރު، އެންމެ ފަހުން ސަރުކާރުން ނިންމީ ކޮންޓްރެކްޓުގެ ތެރެއިން އެބައި އުނިކުރާށެވެ.
ރޭވި، ފައިސާ ހަމަޖެހި، ހިނގަމުން ދިޔަ، އަދި 60 ޕަސެންޓު ނިމިފައިވާ މަޝްރޫއަކުން ބައެއް އުނިކުރަން ޖެހުނު ކަމަށް ސަރުކާރުން ދައްކާ ސަބަބަކީ، އެކަން އެގޮތަށް ނުކޮށްފި ނަމަ ލިބޭނެ ގެއްލުމެއްގެ ބޮޑު ކަމެވެ. އަދި މިކަމުގައި އީކުއޭޓާ ވިލެޖުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭތީ ގޮތް ހުސްވީ ކަމަށް ބުނެ އެވެ.
ބޮޑު މަޝްރޫއެއް ހުއްޓޭ މައްސަލައިގެ މެދުގައި އޮތް މި އިމާރާތަކީ ގަމުގައި އިނގިރޭސި ސިފައިން އުޅުނު ޒަމާނުގައި އަޅާފައިވާ، މުސްކުޅިވެ، ބާވެފައިވާ އިމާރާތެކެވެ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި މިއީ 80 އަހަރުވެފައިވާ އިމާރާތަކެވެ. އީކުއޭޓާ ވިލެޖުން މި އިމާރާތް ބޭނުންކުރަމުން އަންނަނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބައިތިއްބާ ލޭބާ ކުއާޓާއަކަށެވެ.
އީކުއޭޓާ ވިލެޖުން މި އިމާރާތް ބޭނުންކުރަން ފެށި ސީދާ ތާރީހެއް ނޭނގެ އެވެ. ލަފާކުރެވެނީ މިއީ އެ ހޮޓާ ހުޅުވި އަހަރު ކަމުގައިވާ 1983 އިން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެއް ކަމަށެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އީކުއޭޓާ ވިލެޖަށް މި އިމާރާތް ދިނީ އޭރު ގަން ހިންގުމާ ހަވާލުވެގެން އުޅުނު ގަން ބަލަހައްޓާ ޔުނިޓުންނެވެ.
މުޅި ގަމުގެ ބިން ހިމެނޭހެން މި އިމާރާތް ހުރި ބިން، އޭއައިއޭގެ އެސެޓަކަށް ވެގެން ދިޔައީ ގަން އެއާޕޯޓު ހިންގުމަށް އެ ކުންފުނި އުފެއްދި ހިސާބުން، 2012 ގަ އެވެ. އޭއައިއޭއިން ބުނި ގޮތުގައި އެ އިމާރާތް ބޭނުންކުރަން އީކުއޭޓާ ވިލެޖު ހިންގާ ގޭން އިންވެސްޓްމަންޓް މޯލްޑިވްސްއާއެކީ ވެފައިވާ އެއްބަސްވުމުގެ މުއްދަތު އޭރު އޮތީ ހަމަވެފަ އެވެ.
އެހެންވެ، އޭއައިއޭއިން ވަނީ ގޭން އިންވެސްޓްމަންޓާއެކީ މަޝްވަރާކޮށް، އިމާރާތް ބޭނުންކުރުމަށް އާ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. އެ އެއްބަސްވުމުގައި އޭއައިއޭއިން ހުށަހެޅީ ކުރިން ނަގަމުން އައި ވަރަށް ވުރެ ބޮޑު ކުއްޔެކެވެ. މި އަދަދާ މެދު ހިތްހަމަނުޖެހިގެން، ގޭން އިންވެސްޓްމަންޓުން އެދުނީ މަހު ކުލި 40،000ރ. އަށް ކުޑަކޮށް، އެއްބަސްވުން 2017 އާ ހަމައަށް ބާއްވައިދިނުމަށެވެ. މި ތާރީހަކީ އީކުއޭޓާ ވިލެޖުގެ ލީސް އެއްބަސްވުން ހަމަވާން އޮތް ތާރީހެވެ.
ގަމުގެ މަގު ހަދާ ސަރަހައްދު: ރަތް ކުލައިން ފާަހަގަކޮށްފައިވަނީ އީކުއޭޓާ ވިލެޖުގެ އިމާރާތްތައް ހިމެނޭ ސަރަހައްދު -- ފޮޓޯ: ގޫގުލް އާތު/އީއައިއޭ
މި އެއްބަސްވުމުގައި ސޮއިނުކޮށް އޮއްވައި، ޓޫރިޒަމް ގާނޫނު ބަދަލުކޮށް ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުން ނަގާ ކުލި ބިމު ކުއްޔަށް ބަދަލުކުރި އެވެ. މި ގޮތުން ބިމުގެ ސަރަހައްދު ކަނޑައެޅީ ލޭންޑް ސާވޭ އޮތޯރިޓީން ހެދި ސާވޭ ރިޕޯޓަކަށް ބިނާކޮށެވެ. އެ އޮތޯރިޓީން ވަނީ ލޭބާ ކުއާޓަރުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތްތައް ހުރި ބިމަކީ، އީކުއޭޓާ ވިލެޖުގެ ބިމެއްގެ ގޮތުގައި ހިމަނާ، ޑިސެމްބަރު 4، 2013، ގައި ރަޖިސްޓްރީކޮށްފަ އެވެ.
އެހާ ހިސާބުން ފެށިގެން އީކުއޭޓާ ވިލެޖުން މި ބިމަށް ކުލި ދައްކަމުން އައީ، ޓޫރިޒަމް ބިމެއްގެ ގޮތުގަ އެވެ. އެ ދުވަހުން ފެށިގެން މި ބިމުން އޭއައިއޭއަކަށް އެއްވެސް ކުއްޔެއް ނުލިބެ އެވެ. އަދި މި ބިމަކީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިމެއްގެ ގޮތުގައި ކަނޑައެޅީ އޭއައިއޭއަށް ނޭނގި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އީކުއޭޓާ ވިލެޖުން ހުށަހެޅި ކުއްޔަކީ އިންވޮއިސް ކުރި އަދަދު ކަމަަށް ބަލައިގެން ހިސާބުކުރާއިރު އެ ކުންފުންޏަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ބިމުން ނުލިބިވެ އެވެ.
އީކުއޭޓާ ވިލެޖުގެ އިމާރާތުގެ މައްސަލައިގެ ފަރުދާ ކަހާލިއިރު، މިކަމުގައި ތިން ސަރުކާރަކުން ޒިންމާވާން ޖެހޭ ކަން ހާމަވެ އެވެ. އެންމެ ފުރަތަމަ މިކަމުގައި ޒިންމާ ވާން ޖެހޭނީ، އޭއައިއޭއަށް ނޭނގި މި ބިމަކީ އީކުއޭޓާ ވިލެޖުގެ ބިމެއްގެ ގޮތުގައި ހަމަޖެއްސި ދުވަސްވަރު އޮތް ސަރުކާރެވެ. ދެން ޒިންމާވާން ޖެހެނީ އެ ބިމަކީ ސަރުކާރު ނޫނީ އޭއައިއޭގެ ބާރުގެ ދަށުގައި އޮތް ބިމެއް ނޫން ކަން އެނގި ތިބެ، މަޝްރޫއު ރޭވި ސަރުކާރެވެ. ދެން މިކަމުގައި ދެ އަހަރު ވޭތުވެގެން ދިޔައިރު ހައްލެއް ހޯދައި ނުދެވުނު ސަރުކާރެވެ.
އޭއައިއޭއިން ބުނާ ގޮތުގައި، އެ ކުންފުންޏަށް މިކަން އެނގުނު ހިސާބުން މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ފެށި އެވެ. މި ގޮތުން ފުރަތަމަ މުއާމަލާތްކުރީ އީކުއޭޓާ ވިލެޖު ހިންގާ ކުންފުންޏާ އެވެ. އޭއައިއޭއިން ހުށަހެޅީ މަގު ހެދުމަށް ހުސްކުރަން ޖެހޭ ކޮންމެ ކޮޓަރިއެއްގެ ބަދަލުގައި އެ ސަރަހައްދު ކައިރިން ކޮޓަރިއެއް ހަމަޖައްސައިދޭށެވެ.
ނަމަވެސް އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސްއިން ނެރުނު ބަޔާނުގައި ބުނީ، މަގު ހަދަން ނިންމާފައި އޮތީ ރިސޯޓުގެ މުހިންމު ބައެއްގެ ތެރެއިން ކަމަށެވެ. އެ ސަރަހައްދު ތެރޭގައި ސްޓާފް އެކޮމޮޑޭޝަނަކާއި ބަދިގެއަކާއި ސްޓާފުންގެ މެސް ރޫމް އާއި ރިސޯޓު ލޯންޑްރީގެ އިތުރުން ގަރާޖަކާއި ސްޓާފް ރެކްރިއޭޝަން އޭރިއާ އާއި ގެސްޓުންގެ ސްކުއޮޝް ކޯޓެއް ހުންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ 1999 ވަނަ އަހަރު ސޮއިކޮށް 2017 ވަނަ އަހަރު އައުކުރި އެއްބަސްވުމެއްގެ ދަށުންނެވެ، އެއްބަސްވުމުގެ ދަށުން ދޫކޮށްފައި ވަނީ ރިސޯޓު ހިންގާ މުޅި ބިމެވެ، އޭގެތެރޭގައި އައު މަގު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު ހިމެނެ އެވެ، އެ ސަރަހައްދުގައި ގެސްޓު އަދި އޮޕަރޭޝަނަލް މުހިންމު ތަންތަން ހިމެނޭ،" ކައިމޫގެ ބަޔާނުގައި ބުންޏެވެ.
ކައިމޫގެ މި ވާހަކަތައް ދޮގުކުރަމުން އޭއައިއޭއިން ނެރުނު ބަޔާނުގައި ބުނީ ނަގަން ޖެހޭނީ މަދު ކޮޓަރިތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އީކުއޭޓާ ވިލެޖުގެ އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަންދީ، އެކަން ކަށަވަރުކުރި ކަމަށް ވެސް އޭއައިއޭއިން ބުންޏެވެ. އެކަމަމު މިއަދާ ހަމައަށް ވެސް އެއްބަސްވުމަކަށް ނާދެވި، މިހާރު މި އޮތީ މަސައްކަތް ހުއްޓާލާ ހިސާބުގަ އެވެ.
އޭއައިއޭއިން ބުނަނީ، މިހާރު ޕްލޭންކޮށްފައި އޮތް ގޮތަށް މަގު ނުހެދިއްޖެ ނަމަ އަލަށް ތަރައްގީކުރާ އެއްވެސް އިމާރާތެއް ބޭނުންނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެ މަގުގެ ތެރެއިން ދަތުރުކުރާ ނަރުދަމާ އާއި ފެނުގެ ނިޒާމާއި މަގު ބައްތިތަކާއި ކަރަންޓު ކޭބަލްތަކަށް ހުރަސްއެޅޭތީ އެވެ.
ކައިމޫއިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ވެސް އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ހައްލެއް ކަމަށެވެ. އެ ގޮތުން އެ ކުންފުނިން ބޭނުންވާ ގޮތް ހުށަހަޅާ ތަކުރާރުކޮށް މަޝްވަރާކުރަން މަސައްކަތް ކުރި ކަމަށް ކައިމޫއިން ބުންޏެވެ. އެކަމަކު އެ ކުންފުނިން ހުށަހެޅީ ކޮން ގޮތެއް ކަމެއް ނޭނގެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކައިމޫއިން ބޭނުންވަނީ ބިމުގެ ބަދަލުގައި 24 މިލިއަން ޑޮލަރެވެ. މިއީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓުގެ މުޅި އަގާ ގާތްކުރާ ވަރުގެ އަދަދެކެވެ. މިކަން ކަށަވަރުކުރަން ކައިމޫގެ ބަހެއް ލިބޭތޯ އަދަދު އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ކޮންމެއަކަސް، މައްސަލަ މިހާރު އޮތީ، މި ހަފުތާ ނިމުމުގެ ކުރިން ގޮތް ނިންމަން ޖެހޭ ހިސާބުގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އޭއައިއޭއަށް އަންގާފައި ވަނީ އެ ތާރީހުގެ ކުރިން ގޮތެއް ނުނިމިއްޖެ ނަމަ، މަޝްރޫއުން އެބައި އުނިކޮށްގެން ކުރިއަށްދާށެވެ. އެކަމަކު މިއީ ހައްލެއް ނޫނެވެ.
މިހާރު މައުލޫމާތު ލިބެނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މެދުވެރިއަކަށް ވެގެން މިކަމުގައި ހައްލަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހޯދަން އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ދޭނެތީ މިކަމުގައި ކައިމޫއާ ވާހަކަ ދައްކައިގެން ހޯދީ ކޮން ހައްލެއް ކަމެއް ނޭނގެ އެވެ.
~~
މައްސަލަ ހައްލުވުމަކުން ވެސް މި ވަރުގެ ކަމެއް ދޫކޮށްލައިގެން ނުވާނެ އެވެ. ލޭންޑް ސާވޭ އޮތޯރިޓީން މި ބިމުގެ ސާވޭ ރިޕޯޓު ތައްޔާރުކޮށް، އޭއައިއޭއިން ބިން ފޭރިގަތް މައްސަލައަކީ ބަލަން ޖެހޭ މައްސަލައެކެވެ. އަދި މިކަމުގައި ޒިންމާވާން ޖެހޭ ބަޔަކު، ހޯދައި އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހެ އެވެ.
މިކަމުގެ ގެއްލުން އޮތީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. މި ގެއްލުމަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ދެވޭ ގެއްލުމެކެވެ. ހުރަސްއެޅެނީ މުޅި އައްޑޫގެ ތަރައްގީއަށެވެ. ފަސްއެޅެނީ އައްޑޫގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތަކަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަހުމަދު1
8 days ago
ރަށި ކުރިއެރުމައް ހުރަސްއެޑެ ވިޔަފާރިއައް މިތާކި ނިހިނގުވޭހެއް. ހޯހޯ. ރަށުން އެރެ ނުންފެހޭ ގޮއްދޫކެރަ. ނިއަގަކި މިކަލަސް ކުލިހިށީ. ކުލިޔައް ނަގާނެ މީހުން ބައިވަރަ
އައްޑޫ
10 days ago
އައްޑޫ ކޮސްތައް އެތިބެނީނުން ގޭތެރޭގަ ފިލާ.....
Comment