ދުނިޔޭގެ އެއްވަނަ އެއާޕޯޓު މަގާމު މިފަހަރު ވެސް ސިންގަޕޫރުގެ ޗަންގީއަށް

12 އޭޕްރީލް 2025 - 07:35 0


ދުނިޔޭގެ އެއްވަނަ އެއާޕޯޓު މަގާމު މިފަހަރު ވެސް ސިންގަޕޫރުގެ ޗަންގީއަށް

12 އޭޕްރީލް 2025 - 07:35 0

ވައިގެ ދަތުރުފަތުރުގެ ކަންކަން ރޭޓު ކުރާ ސްކައިޓްރެކްސްއިން ހޮވާ ދުނިޔޭގެ އެއްވަނަ އެއާޕޯޓުގެ މަގާމު މި އަހަރު ވެސް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން ހޯދައިފި އެވެ.

މިއީ ދުނިޔޭގެ އެއްވަނަ އެއާޕޯޓުގެ މަގާމު ޗަންގީއަށް ލިބުނު 13 ވަނަ އަހަރެވެ. ސިންގަޕޫރުގެ ފަހަތުން ދެވަނަ ލިބުނީ ގަތަރުގެ ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓެވެ. ތިންވަނަ ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓަށް ލިބުނުއިރު ހަތަރުވަނަ ލިބުނީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ އިންޗިއޯން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޗަންގީ އަކީ އޭގެ ޒާތުގައި ވެސް މަންޒިލެކެވެ. ފްލައިޓްގެ 48 ގަޑިއިރު ކުރިން ފަސިންޖަރުންނަށް އަވަހަށް ޗެކްއިން ކުރެވޭނެ ގޮތް ތައާރަފު ކުރުމާއެކު، ޗުއްޓީގެ ބައެއްގެ ގޮތުގައި ގިނަ ބަޔަކު އެއާޕޯޓުގައި ވަގުތު ހޭދަކުރެ އެވެ.

ޗަންގީގައި ސްޕާ، ހޮޓާ، އާޓް އެގްޒިބިޝަން، ދާރުލް އާސާރަކާއި ބައިސްކޯފެއް ވެސް ހުރެ އެވެ. ޑައިނަސޯ ތީމް ޕާކެއް ވެސް ހުރެ އެވެ. ހަތަރު ޓާމިނަލް ހުންނަ ޗަންގީގައި ފަސްވަނަ ޓާމިނަލެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ޓާމިނަލް 2030 ގައި ހުޅުވާނެ އެވެ.

ކުރިއަށް އޮތް ހަ އަހަރު ތެރޭ ޗަންގީ އިތުރަށް ފުރިހަމަ ކުރުމަށް ދެ ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް ވެސް ޗަންގީން ވަނީ ބުނެފަ އެވެ.

1999 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް އެއާޕޯޓް އެވޯޑަކީ ދުނިޔޭގެ އެއާޕޯޓް އިންޑަސްޓްރީގެ ކޮލިޓީ ބެންޗްމާކެއްގެ ގޮތުގައި ބަލައި، 575 އަށް ވުރެ ގިނަ އެއާޕޯޓުގެ ކަސްޓަމަރުންގެ ހިދުމަތާއި ވަސީލަތްތައް ދެނެގަނެ ދޭ އެވޯޑެކެވެ.