10 އޭޕްރީލް 2025 - 19:26 2
ލީވާން އަލީ ނާސިރު
ޒަކިއްޔާ މޫސާ: އޭނާގެ ހަށިގަނޑު ނަގައި އޮޓޮޕްސީއެއް ހަދަން އާއިލާއިން ވަނީ މަޝްވަރާ ކުރަން އެދިފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު
10 އޭޕްރީލް 2025 - 19:26 2
ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ، 50 ގެ ހަށިގަނޑު ކޮނެގެން ނަގައި، އޭނާގެ އޮޓޮޕްސީއެއް ހެދުމަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ޒަކިއްޔާގެ އާއިލާ މެންބަރުންތަކެއް ސޮއިކޮށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްއަށް ފޮނުވި ސިޓީއެއްގައި ބުނީ މައްޔިތާ ވަޅުލުމަށްފަހު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަކީ ކުރާ ކަމެއް ކަމަށެވެ.
"މައްޔިތާ ވަޅުލުމަށްފަހު ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއް. ރާއްޖޭގައި ވެސް އާ ކަމެއް ނޫން. ވީމާ، ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން އަޅުގަނޑުމެން ބޭނުންވޭ،" ސިޓީގައި ބުންޏެވެ.
ސިޓީގައި އިތުރަށް ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ ތަހުގީގުގައި ފުލުހުން ޝަމިލުވުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށްވާތީ، ތަހުގީގުން ފުލުހުން އެކަހެރިވެ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ހަވާލު ކޮށްދިނުމަށް އެދޭ ކަމަށެވެ.
ޒަކިއްޔާގެ އާއިލާއަށް ނާންގައި ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށްފަހު، ރިޕޯޓުގެ ވާހަކަ މީޑިއާތަކަށް ހިއްސާ ކުރުމުން އެކަމާ ގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓު ހިއްސާ ކުރުމަށް އެދުމުގެ އިތުރުން ޒަކިއްޔާގެ އާއިލާއިން ވަނީ ވާޗުއަލް އޮޓޮޕްސީ ހަދަން ނިންމި ގޮތާއި އެކަން ކުރިއަށް ގެންދިޔަ ގޮތުގެ ގިނަ ސުވާލުތަކެއް ވެސް ސިޓީއާ އެކު ހުށަހަޅާފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން ހެދި އެ ވާޗުއަލް އޮޓޮޕްސީގައި ވަރަށް ތަފްސީލުކޮށް އެއީ އަމިއްލައަށް މަރުވި ހާދިސާއެއްކަން ބަޔާންކޮށްފައިވެ އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގައި ސީން އޮފް ކްރައިމް އިން ނެގުނު ފޮޓޯތަކާއި ލިބިފައިވާ ޒަހަމްތަކުގެ އެކްސްޓެންސިވް އެނަލިސިސް ހެދޭވަރުގެ ކްލިއާ ފޮޓޯތަކާއި މެޑިކަލް ހުރިހާ ލިޔެކިޔުންތަކުގެ އިތުރުން ތަހުގީގަށް ލިބިފައި ހުރި ބަޔާންތައް ދިރާސާކުރި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ހަދާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ފަހުން ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އެ ރަށުގައި އެކި ފަހަރު މަތިން އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
ޒަކިއްޔާގެ އާއިލާ އިން އެދެނީ އޭނާގެ މަރުގެ މައްސަލައިގައި މިނިވަން އަދި ތަހުގީގެއް ހިންގައިދިނުމަށެވެ.
Comment