ބޭސް ލިބުމުގެ ދަތިކަން ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ އެބަ ފެނޭ: ނާޒިމް

10 އޭޕްރީލް 2025 - 12:34 1

ލީވާން އަލީ ނާސިރު

ލ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ބޭސް ލިބުމުގެ ދަތިކަން ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ބޭސް ލިބުމުގެ ދަތިކަން ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ އެބަ ފެނޭ: ނާޒިމް

10 އޭޕްރީލް 2025 - 12:34 1

ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޒަރޫރީ ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް ގިނަ ބަޔަކު ކުރާ ޝަކުވާތަކަށް އިޝާރާތްކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބޭސްތައް ލިބުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ސަޕްލައި ޝޯޓޭޖުގެ މައްސަލަ ކަމަށެވެ.

"ސަޕްލައިގެ ޝޯޓޭޖް މައްސަލަތަކެއް ހުރެގެން ގިނަ ރައްޔިތުންތަކަކަށް ބައެއް ބޭސްތައް ނުލިބިގެން އުޅޭ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގިގެން ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން މިކަމަށް ހައްލު ގެންނަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނީ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް ފެންނަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބޭސް ލިބުމުގައި އާންމުންގެ ޝަކުވާތައް ހުންނަ މިންވަރު ގަވާއިދުން ބަލައި، ހައްލު ކުރަން ކުރާ މަސައްކަތާ އެކު ކުރިއެރުންތަކެއް ހޯދެމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދަދޭނަން. އެއީ މިކަންތައްތައް ތަރުތީބު ކުރެވިފައިވާ ގޮތުން ކުރިއަށްދައިރު އެ މަންޒަރު ވަރަށް ރަނގަޅަށް ފެންނާތީވެ،" އޭނާ ވިދާޅުވި އެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރު ކުރުމަށް އެސްޓީއޯގެ ނިޒާމު ވަރުގަދަކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަނަންސް ހަރުދަނާ ކުރުމުގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރު ކުރަމުންދާ ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ބޭސް ޕްރިސްކްރައިބު ކުރުމުގެ ކަންތައްތަކާ ގުޅޭގޮތުން އާސަންދަ ޕޯޓަލްއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވިފައިވާ ކަމަށެވެ.

ދ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެ އަތޮޅު މީދޫގައި ހުންނަވާ ފެބްރުއަރީ 24، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޭހުގެ ދަތިކަން ހައްލު ކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާޗު 15، އިން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަކުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި މުއްދަތަށް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ޖެހޭ ޒަރޫރީ ބޭސްތައް ލިބުމުގައި އަދިވެސް ދަތިތައް ހުރި ކަމަށް ބައެއް އާންމުން ދަނީ ބުނަމުންނެވެ.