10 އޭޕްރީލް 2025 - 10:50 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ތެލާއި ކާޑަށްވުރެ ދަރިވަރުންނަށް ދޭ ފައިސާއަށް އިސްކަން ދޭން އަންގާފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
10 އޭޕްރީލް 2025 - 10:50 0
ރާއްޖެއަށް ތެލާއި ކާޑަށް ސަރުކާރުން ހަދާ ޕޭމަންޓުތަކަށްވުރެ، ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި އިސްކަން ދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި އަދި އެހެން ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ދިމާވާ ދަރިވަރުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ލޯނުގެ ދަށުން ނުވަތަ ސްކޮލަޝިޕުގެ ދަށުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ޝަކުވާ ކަމަށެވެ.
"ފިނޭންސްގަ މިހާރު އަޅުގަނޑު ޔަގީންވެސް ކޮށްފިން ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެވެސް އިސްކަން ދޭނެ ފިނޭންސް މިނިސްޓްރީގަ އައިއްސަ އޮތް ޕެންޑިން ރިކުއެސްޓެއް، ލޯނު ނޫނިއްޔާ ސްކޮލަޝިޕުގަ ކިޔަވާ ކުއްޖެއްގެ ޕޭމަންޓެއް އޮވެއްޖިއްޔާ. އެ ފައިސާ ދޫކޮށްފަ ތެލައްވެސް ކާޑަށްވެސް ފައިސާ ދޫކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫނުކޮށްގެން އަދިވެސް ގެންދަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ. އެ މައްސަލަ މިހާތަނަށް ހައްލުވެފައި ނުވާއިރު މިނިސްޓްރީން ދަރިވަރުންގެ މެއިލްތަކަށް ޖަވާބު ދިނުން ލަސްވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލަ ހައްލުކުރުމަށް ދިވެހި ދަރިވަރުން ތިބޭ ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް އެކައުންޓެއް ހާއްސަކޮށް، ކޮންމެ ގައުމެއްގެ އެކައުންޓުގެ ކަންކަން ބެލުމަށް މުވައްޒަފަކު ހާއްސަ ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް ރައީސް މިއަދު ވިދާޅުވި އެވެ.
"އެންމެ އިސްކަން ދެނީ ބޭރުގަ ކިޔަވާ ކުދިންނަށް ލޯނު ނޫނިއްޔާ ސްކޮލަޝިޕްގެ ކިޔަވާ ކުދިންގެ ސްޓައިޕެންޑް ނޫނިއްޔާ ޓިއުޝަން ފީ ޖަމާކުރުމަށް. އެހެންވީމަ މިކަން ހައްލުކުރާނަން އިރާދަކުރެއްވިއްޔާ އިނގޭތޯ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ދަރިވަރުންނާ ބައްދަލުކޮށްގެން ހާސިލްވަނީ މިފަދަ ކަންކަން ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، އިނގިރޭސިވިލާތުގެ ދަތުރުގެ ކުރިންވެސް އެމަނިކުފާނު ވަނީ އެކި ގައުމުތަކުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވާފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment