Advertisement

ރައީސް މުއިއްޒުގެ ވެރިކަމުން ދިވެހިން މިންޖުވާން ޖެހޭ: އިމްރާން

10 އޭޕްރީލް 2025 - 10:34 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން: ރައީސް މުއިއްޒުގެ ވެރިކަމުން ދިވެހިން މިންޖުވާން ޖެހޭ ކަމަށް ވިދާޅުވި


ރައީސް މުއިއްޒުގެ ވެރިކަމުން ދިވެހިން މިންޖުވާން ޖެހޭ: އިމްރާން

10 އޭޕްރީލް 2025 - 10:34 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ދިވެހިން މިންޖުވާން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދައުލަތާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާ ދުވަހެއް ކަމަށެވެ.

"ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް. މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް ފައިދާއަށް ހެޔޮ ކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެތްކުރި ކަމަށް އިމްރާން މީގެ ކުރިން ވިދާޅުވި އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމުން އިމްރާން އޭރު ވިދާޅުވީ ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސުޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން އިމްރާން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. އެއާއެކު އިމްރާން ވިދާޅުވީ ހަޔާތުގެ ބާކީ ބައިގައި ވެސް ކުރައްވާނީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މައިދާނަށް އިސް ސަފަށް ނެރުމުގެ މަސައްކަތް ކަމަށެވެ.