Advertisement

މޯލްޑިވް ގޭސްގެ ގޭހުގެ ޝިޕްމަންޓުގެ އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ އޭސީސިން ބަލަނީ

9 އޭޕްރީލް 2025 - 22:11 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު: މި މައްސަލައިގައި އަދި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާ -- ފޮޓޯ: މޯލްޑިވް ގޭސް


މޯލްޑިވް ގޭސްގެ ގޭހުގެ ޝިޕްމަންޓުގެ އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ އޭސީސިން ބަލަނީ

9 އޭޕްރީލް 2025 - 22:11 1

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާތައް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާގެ މައްސަލަ ފެންމަތިވީ މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. މީގެ ކުރިން މި ވާހަކަތައް ކޮންމެވެސް ވަރަކަށް ސޯޝަލް މީޑިއާގައި ވެސް ފެންމަތިވި އެވެ.

މާލިއްޔަތު ކޮމިޓީގައި މިކަން ތިލަކޮށްދެއްވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީގައި ސުވާލުކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ.

ސޯޝަލް މީޑީއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުގައި މި ފައިސާ ދެއްކީ ކުރީގެ ސަޕްލަޔަރު ބަދަލުކޮށް، ފަހުން އެ މަސައްކަތް ހަވާލުކުރި ޑުބާއީގެ ކުންފުންޏަކަށެވެ. އެ ޝިޕްމަންޓަށް ފަހުން ވީނުވިއެއް ނޭނގެ އެވެ.

މޯލްޑިވްސް ގޭސްއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޓީއޯއިން ވަނީ ގޭސް ގަތުމުގެ ކަންކަން ސީދާ އެ ކުންފުނީގެ ބެލުމުގެ ދަށުން ކުރާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަ އެވެ.