9 އޭޕްރީލް 2025 - 12:50 7
ސާއިފް ޝިޔާދު
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު
9 އޭޕްރީލް 2025 - 12:50 7
ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ހާމަވެެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. މިފަދަ އަޑުތަކެއް މީގެކުރިން ސޯޝަލް މީޑިއާގައި ތިލަވި އެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ. ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.
މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށް ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ކޮމިޓީގައި ވިދާޅުވި އެވެ.
މޯލްޑިވްސް ގޭސްއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment