ވާރޭ ވެހެން ފެށިތާ ގަޑިއިރެއް ނުވަނީސް މާލޭގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވާން ފަށައިފި

9 އޭޕްރީލް 2025 - 06:18 0

އަހުމަދު އާއިދު

އ

މީގެ ކުރިން މާލެއަށް ވާރޭ ވެހުނު ދުވަހެއްގެ މަންޒަރެއް : ވާރޭ ވެހެން ފެށިތާ ގަޑިއިރެއް ނުވަނީސް މާލޭގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވާން ވަނީ ފަށާފަ --- ފޮޓޯ: އަދަދު


ވާރޭ ވެހެން ފެށިތާ ގަޑިއިރެއް ނުވަނީސް މާލޭގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވާން ފަށައިފި

9 އޭޕްރީލް 2025 - 06:18 0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ވާރޭ ވެހެން ފެށިތާ ގަޑިއިރެއް ނުވަނީސް މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަން ސިފައިން ނުކުމެއްޖެ އެވެ.

މިއަދު މާލެއަށް ވާރޭވެހެން ފެށީ ހެދުނު 10:20 ހާއިރު އެވެ. ވާރޭ ވެހެން ފެށުމާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމަށާއި ވެލިބަސްތާ ޖެހުމަށް ސިފައިން ނުކުތް ކަމަށް ބުނެ އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ޕޯސްޓުކުރީ 10:54 ގަ އެވެ.

އާންމު ގޮތެއްގައި މާލޭގައި ފެންބޮޑުވާ މާފަންނުގެ އެކި ސަރަހައްދުތަކުގައި މިއަދު ވެސް ވަނީ ފެންބޮޑުވެފަ އެވެ. އައިޖީއެމްއެޗް، ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން އަދަދު އަށް ބުނީ އެޕްރިލް 9، 10 އަދި 11 ގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އޭޕްރީލް 12، ގައި ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އެއަށްފަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް 13، ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް މޫސުން ގޯސްވެގެން އުޅެނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މިއަދު 15:30 އާ ހަމައަށް މެޓް އިން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.