Advertisement

މާލެ ސަރަހައްދުގައި 119،472 ވެހިކަލް ދުއްވާ، ކެރީން ކެޕޭސިޓީއަކަށް ކަނޑައަޅަން ފެންނަނީ 89،413: ދިރާސާ

9 އޭޕްރީލް 2025 - 12:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިނަމާލެ ބުރިޖު ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ދުއްވަނީ -- ފޮޓޯ: އަދަދު ފައިލް


މާލެ ސަރަހައްދުގައި 119،472 ވެހިކަލް ދުއްވާ، ކެރީން ކެޕޭސިޓީއަކަށް ކަނޑައަޅަން ފެންނަނީ 89،413: ދިރާސާ

9 އޭޕްރީލް 2025 - 12:32 0

މާލެ ސަރަހައްދުގައި މިހާރު 119،472 ވެހިކަލް ދުއްވާ ކަމަށާއި މާލޭގެ ކެރީން ކެޕޭސިޓީ ނުވަތަ މާލެ ސަރަހައްދަށް ރެޖިސްޓްރީ ކުރެވޭނެ ވެހިކަލްގެ އަދަދު 89،413 ގައި ހިފަހައްޓަން ދިރާސާ ރިޕޯޓުގައި ގޮވާލައިފި އެވެ.

މާލެ ސަރަހައްދަށް ވެހިކަލް ރެެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމަށް ދިރާސާއެއް ހަދަން މާލެ ސިޓީ ކައުންސިލުން ހަވާލު ކުރީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ އެވެ.

އެ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި 103،300 ސައިކަލާއި 7،505 ކާރު ދުއްވަ އެވެ. ދިރާސާގައި ހުށަހަޅާފައި ވަނީ ސައިކަލުގެ އަދަދު 76،518 އަށް އަދި ކާރުގެ އަދަދު 5610 އަކަށް މަދު ކުރުމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1000 މީހަކަށް 321 ވެހިކަލްގެ ރޭޓުން އަދަދު ކޮންޓްރޯލް ކުރުމަށް ދިރާސާގައި ހުށަހަޅާފައިވެ އެވެ. މާލެ ސަރަހައްދުގައި ބިދޭސީންނާއި ދޭސީން ހިމެނޭހެން މިހާރު ދިރިއުޅޭ 263،629 މީހުންގެ ތެރެއިން ކޮންމެ 1000 މީހަކަށް 473 ވެހިކަލް މިހާރު ބޭނުން ކުރާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެއްގަމު އުޅަނދުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 150،074 ވެހިކަލް އެތެރެކޮށްފައިވެ އެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ އަގުހުރި މުދަލެވެ. އޭގެ ތެރެއިން 96،078 އަކީ ސައިކަލެވެ. 8،926 އަކީ ބެޓެރީ ސައިކަލެވެ. 7،789 އަކީ ކާރެވެ.

އެ ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި މިހާރު ބޭނުން ކުރާ އުޅަނދުތަކުގެ ތެރެއިން ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލް އެވެ. ބާކީ 71،868 ވެހިކަލް ދުއްވަނީ ރޯޑް ވާތިނެސް ފުރިހަމަ ނުކޮށެވެ.

މި ދިރާސާގައި ހުށަހަޅާފައި ހުރި ކަންކަމާމެދު ގޮތެއް ނިންމާނީ މާލެ ސިޓީ ކައުންސިލުންނެވެ. އެއަށްފަހު އަމަލު ކުރަން ފަށާނީ ޓްރާސްޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އެވެ.

މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަން މާލެ ސިޓީ ކައުންސިލާ ހަވާލު ކުރީ މިހާރު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގަ އެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ވެސް އެ އަދަދު ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.

މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމަކީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމްގެ އިންތިހާބީ ވައުދެކެވެ.