8 އޭޕްރީލް 2025 - 13:09 0
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލައި ރާއްޖޭގައި ބޭއްވި އެއްވުމެއް: ކެންދޫ ކައުންސިލުން އެދެނީ އިޒްރޭލަކީ ޓެރަރިސްޓު ޖަމާއަތެއް ގޮތުގައި ކަނޑައެޅުމަށް -- ފޮޓޯ: އަދަދު ފައިލް
8 އޭޕްރީލް 2025 - 13:09 0
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް، އެ ގައުމުގެ އުފެއްދުންތައް މަނާ ކުރުމާއެކު އެއީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ބ. ކެންދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.
ކެންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަނާ ކަމަށް ޖޫން 2، 2024، ގައި ސަރުކާރުން އިއުލާނު ކުރި ނަމަވެސް އެއާ އެއްގޮތަށް އަމަލު ކުރަން ނުކުރިފައިވާ ކަމަށެވެ. އެއީ ފިނޑި އަދި ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
"އިސްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް ވައުދާ އެއްގޮތައް ފިޔަވަޅުތައް އަޅަން ނުކެރި ބަހަނާތައް ދައްކައިގެން މުސްލިމް އަހުންތަކެއް މަރަމުންދާއިރު ދައުލަތުގެ ބާރުތަކުން ހަނު ތިބުމަކީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއްގޮތުގައި މި ކައުންސިލުން ދެކެން،" އެ ބަޔާނުގައިވެ އެވެ.
ކައުންސިލުގެ ހުރިހާ މެންބަރުންގެ ސޮޔާއެކު ނެރިފައިވާ އެ ބަޔާނުގައި ގޮވާލާފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާއެކު އިޒްރޭލާއި އެމެރިކާ ހިމެނޭ ގޮތަށް އެ ގައުމަށް ތާއީދު ކުރާ ގައުމުތަކުގެ އުފެއްދުންތައް ރާއްޖެ އެތެރެނުކުރެވޭ ގޮތް ހެދުމަށެވެ. އަދި އިޒްރޭލާއި އެ ގައުމަށް ތާއީދު ކުރާ އެންމެނަކީ ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް ވެސް ކައުންސިލުން ގޮވާލާފައިވެ އެވެ.
"ދިވެހިރާއްޖެއަކީ ފަލަސްތީނަށް ތާއީދުކުރާ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށާއި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން މަރާލާއިރު މުސްލިމު އުންމަތެއް މިކަމާ ދެކޮޅަށް އަމަލީ ގޮތުން އެކަށީގެންވާ މަސައްކަތެއް ނުކޮށް ހިމޭނުން ތިބެގެން ނުވާނެ،" ކެންދޫ ކައުންސިލުން ބުންޏެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި އޮތީ ތާށިކޮށްފަ އެވެ. އެ ބިލުގެ މަސައްކަތް ކުރިއަށްނުދާތީ މިދިޔަ ހޯމަ ދުވަހު ހުށަހެޅި ކުއްލި މައްސަލައެއް ވެސް ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 156 މީހުން ވަނީ ރާއްޖެ އެތެރެވެފަ އެވެ. އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރި ދުވަހަކީ ޖެނުއަރީ 26، އެވެ. އެ ދުވަހު އެ ގައުމުގެ 17 މީހަކު ރާއްޖެ އައެވެ. އޭގެ ފަހުން އިޒްރޭލުގެ އެންމެ ގިނަ ފަތުރުވެރިން އައީ ވެލަންޓައިންސް ނަމުގައި ކާފަރުން ފާހަގަ ކުރާ ދުވަހާ ދިމާކޮށް ފެބްރުއަރީ 12، ގަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment