9 އޭޕްރީލް 2025 - 07:18 0
9 އޭޕްރީލް 2025 - 07:18 0
ވޮޝިންޓަން، އެމެރިކާ (އެޕްރީލް 7) - އިރާނުން ކުރިއަށްގެންދާ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެ ގައުމާ އެކު މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރައްވައިފި އެވެ.
ދެ ގައުމުގެ މެދުގައި ހިނގާނީ ސީދާ މަޝްވަރާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އިރާންގެ ފޮރިން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިއީ ނުސީދާކޮށް ކުރިއަށްގެންދާ މަޝްވަރާތަކެކެވެ. ދެ ގައުމުގެ ވަފުދުތައް ބައްދަލުކުރަން ހަމަޖެހިފައިވަނީ އޮމާންގަ އެވެ. އޮމާން އަދާކުރަނީ މެދުވެރިޔެއްގެ ދައުރެވެ.
މި މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އިރާނަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. އިރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕު ވަނީ ދެއްވާފަ އެވެ.
"އީރާނާ އެކު ސީދާ މަޝްވަރާތައް ކުރަމުން މިދަނީ، އެ މަޝްވަރާތައް މިހާރު ވަނީ ފަށާފައި. ހޮނިހިރު ދުވަހާ ހަމައަށް ދާނެ. ވަރަށް ބޮޑު ބައްދަލުވުމެއް އެބައޮތް، ދެން ވާނީ ކިހިނެއްތޯ ބަލާނަން،" ޓްރަމްޕު ވިދާޅުވި އެވެ.
ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް މި ދެ ހަތުރުންގެ މެދުގައި މަޝްވަރާތަކެއް ބޭއްވި އެވެ. ނަމަވެސް، އޭގެއިން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވެ އެވެ. އެންމެފަހުން ދެ ގައުމުގެ މެދުގައި ސީދާ މަޝްވަރާތަކެއް ކުރީ ބަރަކް އޮބާމާގެ ދެވަނަ ދައުރުގައި 2015 ގަ އެވެ.
""އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުހޯދޭނެ، މަޝްވަރާތައް ކާމިޔާބު ނުވެއްޖެ ނަމަ ހަގީގަތުގައި މިއީ އީރާނަށް ވަރަށް ގޯސް ފަހަރަކަށް ވާނެ،" ޓްރަމްޕު ވިދާޅުވި އެެވެ.
އީރާނާއެކު 2015 ގައި އޮބާމާގެ ސަރުކާރުން ސޮއިކުރި އެއްބަސްވުމުން އެމެރިކާ ވަނީ ވަކިވެފަ އެވެ. އެއީ ޓްރަމްޕުގެ ފުރަތަމަ ދައުރުގެ ތެރޭގަ އެވެ. އެއަށް ފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ވެސް ޓްރަމްޕުގެ ފުރަތަމަ ސަރުކާރުގައި އެޅި އެވެ.
Comment