8 އޭޕްރީލް 2025 - 13:17 2
ލީވާން އަލީ ނާސިރު
އާޓްވޯކް: އިސްމާއިލް އިމްދާދު
8 އޭޕްރީލް 2025 - 13:17 2
ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ފުރި، މަސްތުގެ ހާލަތުގައި މަގުމަތީ ތިބޭ މީހުން ގިނަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވަމުންދާއިރު، ކަސްޓަމް ސަރަހަައްދުގައި ތިބޭ އެފަދަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އަދަދު އަށް ވިދާޅުވީ ހިންމަފުށީގައި ހުރި ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގައި ހުރި 24 މީހުންގެ ކެޕޭސިޓީ ފުރިފައިވާ ކަމަށެވެ.
އެގޮތުން އެ ސެންޓަރުގައި 100 މީހުންގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގައި އިތުރު މީހުންތަކެއް އެ ސެންޓަރަށް ގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން (ޑްރަގް ކާޓެލް) ދިޔަ 14 ތަނެއް މި އަހަރު ފުލުހުން ބަންދުކުރި އެވެ. އޭގެ ސަބަބުން ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމަތީގައި އުޅޭ މިންވަރު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ހިންމަފުށީގައި އަލުން ހިންގަން ފެށީ މި ސަރުކާރުން ވެރިކަމަށް އައިސް މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން މަސްތުގެ ހާލަތުގައި މަގުމަތީގައި ސަލާން ޖަހަން ތިބޭ މީހުންނާއި މަސްތުގެ ހާލަތުގައި ތިބޭ މީހުން ވެސް އެ ސެންޓަރަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
"މިހާރު ވެސް ކެޕޭސިޓީ މެކްސިމައިޒްވެގެން ނުއެއް ހުއްޓޭ. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިއަދު މުއްދަތު ހުރިކަމަށްވާނަމަ އޭނަ ނެރެފައި މާދަމާ އިތުރު މީހަކު އެ ޖާގައަށް ވައްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަށް ފަރުވާގެ ފުރުސަތު ދިން ކަމަށް އެ އެޖެންސީން މިދިޔަ ފެބްރުއަރީގައި ބުންޏެވެ.
މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރަށް ގެންގޮސް މަސްތުވާތަކެތި ބޭނުން ކުރުމުން ދުރު ކުރުމަށް ފަރުވާދެ އެވެ. އެއަށް ފަހު ކޯޓުން ޖަހާ މުއްދަތު ހަމަވުމުން އަނބުރާ މުޖުތަމައުއަށް ދޫކޮށްލަ އެވެ.
Comment