8 އޭޕްރީލް 2025 - 05:27 0
މުހައްމަދު ޝަހްޒާން
ޔުނިސެފް އާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާއެކު ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ
8 އޭޕްރީލް 2025 - 05:27 0
ވަކި އަހަރެެއްގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާ ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވަކި އަހަރަކަށް ވުރެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރުން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ ބެހޭ ގޮތުން އެ އިދާރާތަކުން ހެލްތު މިނިސްޓްރީއަށް ލަފާ އެރުވި ކަމަށެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.
ވަކި އަހަރަކަށް ފަހު އުފަންވާ މީހުންނަށް ދުންފަތް މަނާ ކުރުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 27 ގައި ކުރިއަށް ލައިވް ކުރި 'ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގަ އެވެ. ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން ޖެނެރޭޝަން ބޭން ގެންނަން ވިސްނަވާފައި އޮތީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަދި އޭގެ ފަހުން އުފަންވާ ކުދިން ސިނގިރޭޓު މަނާ ކުރާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ހުށަހަޅަނީ ދެތިން ގޮތެއް. 2007 ވަނަ އަހަރުގެ ޖެނުއަރީ 1، 2004، ގެ ޖެނުއަރީ 1، 2000 ވަނަ އަހަރުގެ ޖެނުއަރީ 1، މި ތިން ގޮތް. މި ތިން ގޮތުން ކުރެ ކޮންމެ ވެސް އެއް ގޮތަކަށް އަޅުގަނޑުމެން ފަންނީ ލެވެލްގައި މަޝްވަރާކޮށްފައި މީގައި ހުރި ކަންތައްތައް ބަލާ ހަދާފައި ގާނޫނެއް އުފައްދައިގެން މަނާކުރާ ގޮތަށޭ ކުރިއަށް އޮތް ދުވަސްތަކުގައި އެނގޭތޯ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން މަސައްކަތް ކުރުމަށްވުރެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން ފަސޭހަވާނެ ކަމަށެވެ.
"ފަށައިގެން ވެސް މާގިނަ އަހަރުތަކެއް ނުވެ ތިބި ކުދިން، އެއިން ސަލާމަތް ކުރަން، ހުއްޓުވަން ފަސޭހަވާނެއޭ. އާދަ އޭގައި ހިފާފައި ހުރިވަރު ކުޑަވާނެތާ ކޮންމެ ގޮތެއް ވިޔަސް. 40، 50 އަހަރުގެ މީހަކު އެކަމުން ދުރުވާން އުނދަގޫވާނެ، 20 އަހަރު، 25 އަހަރުގެ ޒުވާނަކާ ބަލާއިރުގައި. އެހެން ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.
ނަތީޖާއެއްގެ ގޮތުން ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދި، ކޮލެޓީ ދަށް ސިނގިރޭޓުގެ ވިޔަފާރި ވަނީ ފުޅާވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment