Advertisement

ވާޗުއަލް އޮޓޮޕްސީން ވެސް ދައްކަނީ ޒަކިއްޔާ އަމިއްލައަށް މަރުވިކަމަށް

8 އޭޕްރީލް 2025 - 10:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޒަކިއްޔާ މޫސާ: ވާޗުއަލް އޮޓޮޕްސީން ވެސް ދައްކަނީ ޒަކިއްޔާ އަމިއްލައަށް މަރުވިކަމަށް މި ނޫހަށް ވަނީ އެނގިފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު


ވާޗުއަލް އޮޓޮޕްސީން ވެސް ދައްކަނީ ޒަކިއްޔާ އަމިއްލައަށް މަރުވިކަމަށް

8 އޭޕްރީލް 2025 - 10:04 0

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ، 50 ގެ މަރުގެ މައްސަލައިގައި ހެދި ވާޗުއަލް އޮޓޮޕްސީން ވެސް ދައްކަނީ އޭނާ އަމިއްލައަށް މަރުވި ކަމަށްކަން ހާމަވެއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން ހެދި އެ ވާޗުއަލް އޮޓޮޕްސީގައި ވަރަށް ތަފްސީލުކޮށް އެއީ އަމިއްލައަށް މަރުވި ހާދިސާއެއްކަން ބަޔާންކޮށްފައިވެ އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގައި ސީން އޮފް ކްރައިމް އިން ނެގުނު ފޮޓޯތަކާއި ލިބިފައިވާ ޒަހަމްތަކުގެ އެކްސްޓެންސިވް އެނަލިސިސް ހެދޭވަރުގެ ކްލިއާ ފޮޓޯތަކާއި މެޑިކަލް ހުރިހާ ލިޔެކިޔުންތަކުގެ އިތުރުން ތަހުގީގަށް ލިބިފައި ހުރި ބަޔާންތައް ދިރާސާކުރި އެވެ.

ވާޗުއަލް އޮޓޮޕްސީ ހެދީ އޮޓޮޕްސީ ހަދާ ޑޮކްޓަރުންނެވެ. އެގޮތުން ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްގެން ހެދި ހުރިހާ ޓެސްޓެއްގެ ރިޕޯޓްތައް ވެސް ވާޗުއަލް އޮޓޮޕްސީގައި ދިރާސާކޮށްފައިވެ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ތަހުގީގު ރިޕޯޓާއި އިނގިރޭސިވިލާތުގައި ތަހުގީގުކުރާ ކޯސްތަކުގެ ކިޔަވަދޭ މީހުންގެ ރިޕޯޓުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ކުރި ތަހުގީގުގެ ރިޕޯޓުން ވެސް ދައްކާ ގޮތުގައި ޒަކިއްޔާ މަރުވީ އަމިއްލައަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ހަދާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ފަހުން ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އެ ރަށުގައި އެކި ފަހަރު މަތިން އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.

ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.