ކުޑަކުދިންނަށް ދޭ ވެކްސިން ތާވަލާ އެއްގޮތަށް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓަރުގެ އިލްތިމާސް

7 އޭޕްރީލް 2025 - 10:36 0

ސާއިފް ޝިޔާދު

ސ

ހެލްތު މިނިސްޓަރު ނާޒިމް. މިއަދަކީ ބައިނަލްއަގުވާމީ ސިއްހަތު ދުވަސް. އެ ދުވަހުގެ މުނާސަބަތުގައި އޭނާ ހާއްސަ ހިތޯބެއް ދެއްވި --- ފޮޓޯ: ރައީސް އޮފީސް


ކުޑަކުދިންނަށް ދޭ ވެކްސިން ތާވަލާ އެއްގޮތަށް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓަރުގެ އިލްތިމާސް

7 އޭޕްރީލް 2025 - 10:36 0

ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭ ވެކްސިން އޭގެ ތާވަލާ އެއްގޮތަށް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހެވެ. މި އަހަރުގެ ޝިއާރަކީ "ހެލްތީ ބިގިނިންސް، ހޯޕްފުލް ފިއުޗާސް" އެވެ. އެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ މީޑިއާ މެދުވެރިކޮށް ނާޒިމް ވަނީ ހިތޯބެއް ދެއްވާފަ އެވެ.

"ޅަފަތުގައި ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ކުރުމަށް ދެވޭ ވެކްސިންތައް ފަރުވާތެރިކަމާ އެކު ތާވަލާ އެއްގޮތަށް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް މި ފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަން. މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާގެ ރެކޯޑުތައް ހަރުދަނާ ކަމާއެކު ބަލަހައްޓައި، އެ މައުލޫމާތު ފަސޭހަކަމާއެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށް ޓަކައި މަސައްކަތްތަކެއް ވަނީ ފެށިފައި،" ނާޒިމް ވިދާޅުވި އެވެ.

މި އަހަރުގެ ޝިއާރު ހާއްސަކޮށްފައި ވަނީ މާބަނޑު މީހުންނާއި އަލަށް އުފަންވާ ކުދިން މަރުވުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށާއި، އަންހެނުންގެ ދިގު މުއްދަތުގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ސަރުކާރުތަކަށާއި ސިއްހީ މުޖުތަމައުއަށް އިލްތިމާސް ކުރުމަށެވެ.

"މާބަނޑު ދުވަސްވަރު ދޭ ހިދުމަތްތަކަށް ހާއްސަ ކުރެވިގެން ފަރުމާ ކުރެވިފައިވާ މެޓާނަލް ހެލްތު މޮޑިއުލް މުރާޖާ ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން. އަމާޒަކީ މުސްތަގުބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ހިދުމަތްތަކުގެ ރެކޯޑާއި މައުލޫމާތު ހިދުމަތް ހޯދާ އާންމު ފަރާތްތަކަށް ވެސް މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުން،" ނާޒިމް ވިދާޅުވި އެވެ.

އުފަންވާ ހިސާބުން ފެށިގެން ގޮސް ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ދޭ ވެކްސިންގެ ތާވަލެއް ރާއްޖޭގައި އެކުލަވާލާފައިވެ އެވެ. މި ވެކްސިންތަކަކީ ނުރައްކާތެރި ބަލިތަކުން ކުދިން ރައްކާތެރި ކޮށްދޭ ވެކްސިންތަކެކެވެ.

އެގޮތުން، ޓީބީ، ހެޕަޓައިޓިސް ބީ، ޕޯލިއޯ، ކަރުފޮޅު، ހޯއްގޮވާ ކެއްސުން، ފުރަމޭގެ ކެންސަރު، އިދިފުށަށް ދަމާ ބަލި، މެނިންޖައިޓިސް، ނިއުމޯނިއާ، ރުބެއްލާ، ކޯފުއްޕި އަދި އަންހެން ކުދިންނަށް ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް ވެކްސިން ދެ އެވެ.