ރެއާލް ބަލިވުމުގެ ފައިދާ ބާސެލޯނާ އަށް ނުނެގުނު

6 އޭޕްރީލް 2025 - 01:32 0


ރެއާލް ބަލިވުމުގެ ފައިދާ ބާސެލޯނާ އަށް ނުނެގުނު

6 އޭޕްރީލް 2025 - 01:32 0

މެޑްރިޑް، ސްޕެއިން (އޭޕްރީލް 6) - ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާ އަކުން ވެލެންސިއާ އަތުން ބަލިވިއިރު، ލީގު ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވިއިރު، މިއީ އަހަރުތަކަކަށް ފަހު ވެލެންސިއާ ރެއާލްގެ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

މި މެޗުގެ 13 ވަނަ މިނިޓްގައި ރެއާލަށް ލީޑު ނަގަން ލިބުނު ފުރުސަތު ލިބުނު ނަމަވެސް ވިނީޝިއުސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން ވެލެންސިއާގެ މޮކްޓާ ޑިއަކާބީ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

އެކަމަކު، މެޗުގެ 50 ވަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި މެޗުން ވެލެންސިއާ މޮޅުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ހޫގޯ ޑުރޯ އެވެ.

ރެއާލް ބަލިވުމުން، ބާސެލޯނާ އަށް ރެއާލް ބެޓިސް އަތުން މޮޅުވެ، ލީގު ތާވަލުގައި ހަތް ޕޮއިންޓްގެ ލީޑެއް ނެގުމަށް ފުރުސަތު ލިބުނެވެ. އެކަމަކު، ބެޓިސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސާ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ހަތް ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ގަވީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފެރަން ޓޮރޭސްގެ އެހީތެރިކަމާއެކު ގަވީ ޖެހި ގޯލެކެވެ. އެކަމަކު، މެޗުގެ 17 ވަނަ މިނިޓްގައި ބެޓިސްގެ ނޭތަން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި ނަތީޖާތަކާއެކު، ލީގު ތާވަލުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 30 މެޗުން ލިބުނު 67 ޕޮއިންޓާއެކުގަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 30 މެޗުން ލިބެނީ 63 ޕޮއިންޓެވެ.