4 އޭޕްރީލް 2025 - 15:21 0
4 އޭޕްރީލް 2025 - 15:21 0
މެންޗެސްޓާ (އޭޕްރީލް 4) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ، 10 އަހަރު ފަހުން، ސިޓީ ދޫކޮށްލަން ނިންމައިފި އެވެ.
ސިޓީއާ އެކު، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑި ބްރޭނާ، 33، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ މި ސީޒަނުގެ ނިޔަަލަށެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމީ އެވެ.
ކެރިއަރުގެ ބޮޑު ނިންމުމެއްގެ ގޮތުގައި ޑި ބްރޭނާ ފާހަގަކުރާ ކަމެއް ކަމަށް ހާމަކޮށް، ސޯޝަލް މީޑިއާ އަށް ދޫކޮށްލި ސިޓީއެއްގައި ބުނެފައިވަނީ، މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމި ނިންމުން، ހުރިހާ އެންމެނަށް ހާމަކުރަން އެންމެ ފުރަތަމަ ޖެހޭނީ އޭނާ ކަމަށް ދެކޭ ކަމަށެވެ.
"ބޭނުންވިޔަސް ނުވިޔަސް ބައެއް ކަންކަމަކީ ވަގުތު އައިސް ޖެހުނީމަ ނިންމަން ޖެހޭ ކަންކަން. މިއީ، ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންގެ ފަހު އަހަރު. އެކަން އެންމެ ފުރަތަމަ އަހަރެންގެ ފަރާތުން ހާމަކުރުމަކީ އެންމެ އިންސާފުވެރިކަމާ އެކު މި ކަން ކުރެވޭނެ ގޮތް،" ޑި ބްރޭނާ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ޑި ބްރޭނާ އަކީ އިންގްލެންޑްގެ ތާރީހުގައި ވެސް އެ ގައުމުގެ ކްލަބް ފުޓްބޯޅައިގައި ކުޅުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރެއިން އެކަކު ކަމަށެެވެ. ސިޓީ ދޫކޮށްލަން ނިންމި ނިންމުން ޑި ބްރޭނާ ހާމަކުރުމަކީ، ފުޓްބޯޅައިގައި އޭނާގެ ނިންމުން އަމިއްލަ އަށް ހާމަކުރަން ކުރި ކަމެއް ކަމަށްވާތީ، އެ އަށް މަރުހަބާ ކިޔައިފަ އެވެ.
ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ވެސް ކުޅުނު ޑި ބްރޭނާ ވަނީ ސިޓީ އަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު، ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، ދެ ފަހަރު ޕްރިމިއާ ލީގުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment