7 އޭޕްރީލް 2025 - 12:57 0
7 އޭޕްރީލް 2025 - 12:57 0
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޅަން ފެށި އާ ޓެރިފްތަކާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި ކުރިއަށް އޮތް ދުވަސްތަކުގައި އައިފޯނެއްގެ އަގު 2،000 ޑޮލަރަށް ވުރެ ބޮޑުވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފި އެވެ.
ޗައިނާއަކީ އެންމެ ގިނައިން އައިފޯނު އުފައްދާ ގައުމެވެ. އެ ގައުމުން ގެންނަ މުދަލުން 54 ޕަސެންޓުގެ ޓެރިފެއް ނަގަން އެމެރިކާއިން ވަނީ ނިންމާފަ އެވެ. މީގެ ސަބަބުން އައިފޯނެއްގެ އަގު 43 ޕަސެންޓުން އުފުލުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
މިދިޔަ އަހަރު ލޯންޗުކުރި އެންމެ އަގުހެޔޮ އައިފޯން މޮޑެލް ކަމަށްވާ އައިފޯން 16 ގެ އަގަކީ 799 ޑޮލަރެވެ. ޓެރިފްގެ ސަބަބުން އޭގެ އަގު 1،142 ޑޮލަރަށް އުފުލޭނެ އެވެ. މިހާރު މާކެޓުގައި ހުރި އެންމެ އަގުބޮޑު އައިފޯން މޮޑެލްގެ އަގު 1،599 ޑޮލަރުން 2،300 ޑޮލަރަށް އުފުލޭނެ އެވެ.
އެ ރޭޓުތައް ކުޑަ ނުކުރާނަމަ އެޕަލްއަށް އޮތީ އުނދަގޫ ނިންމުމެއް ނިންމުމެވެ. އެއީ ބޮޑުވާ ހަރަދުތައް ކުންފުނިން ކަވަރު ކުރުން ނުވަތަ ކަސްޓަމަރުންގެ އަތުން އެ ފައިސާ ހޯދުމެވެ.
އަހަރެއްގެ މައްޗަށް 220 މިލިއަން އައިފޯން އެޕަލްއިން ވިއްކަ އެވެ. އެ ކުންފުނީގެ އެންމެ ބޮޑު މާކެޓުތަކުގެ ތެރޭގައި އެމެރިކާ، ޗައިނާ، ޔޫރަޕު ހިމެނެ އެވެ.
ޓެރިފް ނަގާނެކަން އިއުލާނު ކުރިތާ ފަސް ދުވަސްވެފައިވާއިރު އެޕަލްގެ ހިއްސާއެއްގެ އަގު 13.27 ޕަސެންޓުން ވަނީ ވެއްޓިފަ އެވެ.
Comment