ފެނާންޑޭސް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: އަމޮރިމް

1 އޭޕްރީލް 2025 - 08:12 0


ފެނާންޑޭސް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: އަމޮރިމް

1 އޭޕްރީލް 2025 - 08:12 0

މެންޗެސްޓާ (އޭޕްރީލް 1) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލް މެޑްރިޑުން އަންނަނީ ފެނާންޑޭސް އަށް ބިޑް ކުރަން ތައްޔާރުވަމުންނެވެ. ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗް އަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުުމުގެ ގޮތުން، ފެނާންޑޭސް ގެންނަން ރެއާލުން ބޭނުންވެ އެވެ.

އެ ގޮތުން، ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ފެނާންޑޭސް އަށް 100 މިލިއަން ޑޮލަރުގެ ބިޑެއް ނޫނީ ކުުޅުންތެރިއަކާ އެއްކޮށް، 50 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ރެއާލްގެ ފަރާތުން އައުމުގެ ފުރުސަތު އެބައޮތެވެ.

"ފެނާންޑޭސް ހުންނާނީ ޔުނައިޓެޑްގައި. އޭނާ އެހެން ޓީމަކުން ފެނުމުގެ ފުރުސަތު އަވަހަކަށް ނެތް. އެ ޔަގީންކަން އަހަންނަށް ދެވިދާނެ،" އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ އެންމެ ބޮޑު ޓާގެޓަކީ ވީ އެންމެ އަވަހަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުުކުރަން ކަމަށާއި އެ ފަދަ ޓާގެޓެއްގައި މަސައްކަތްކުރާއިރު، ފެނާންޑޭސް ފަދަ ކުޅުންތެރިން ޓީމަށް ވަރަށް މުހިންމު ކަމަށެވެ.

"ޓީމުގެ އެންމެ މޮޅެތި ކުޅުންތެރިން މަޑުކުރަން އަހަރެމެން ބޭނުންވާނެ. ފެނާންޑޭސް އަކީ އަދި 29 (30) އަހަރު، އެހެންވީމަ، އަދި އެއީ ޒުވާން އުމުރުގައި އެ ހުރީ، އަނެއްކޮޅުން، ސީޒަނެއްގައި އޭނާ 50 ނޫނީ 55 މެޗު ކުޅޭ، އެ ފަދަ ކުޅުންތެރިއަކު ހުންނަން ޖެހޭ،" އަމޮރިމް ބުންޏެވެ.

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.