އޭއައި މޮޑެލްތަކުން ޖަވާބު އުފައްދާ ގޮތް ދެނެގަނެވޭ އާ ޓެކްނިކެއް ތައާރަފްކޮށްފި

31 މާރިޗު 2025 - 01:26 0

އަހުމަދު ދާއޫދު

އ

އޭއައި މޮޑެލްތަކުން އިންސާނުންނާ ތަފާތުކޮށްވެސް ވިސްނާ -- ދިރާސާ


އޭއައި މޮޑެލްތަކުން ޖަވާބު އުފައްދާ ގޮތް ދެނެގަނެވޭ އާ ޓެކްނިކެއް ތައާރަފްކޮށްފި

31 މާރިޗު 2025 - 01:26 0

އޭއައި މޮޑެލްތަކުގެ އެތެރޭގައި ހިނގާ ކަންތައްތައް (ސުވާލުތަކަށް ޖަވާބު އުފައްދާގޮތް) ދެނެގަތުމަށް އެންތްރޮޕިކްއިން އާ ޓެކްނިކެއް ތައާރަފުކޮށްފި އެވެ.

އެންތްރޮޕިކް ކުންފުނިން ކްލޯޑް 3.5 ހައިކޫ މޮޑެލްގެ އެތެރޭގައި ހިނގާ ކަންތައްތައް ދެނެގަތުމަށް "ސާކިޓް ޓްރޭސިން" ގެ ނަމުގައި އާ ޓެކްނިކެއް ތަޢާރަފުކޮށްފައިވާއިރު، މި ޓެކްނިކްގެ ޒަރީއާއިން އޭއައި މޮޑެލްތަކުން ޖަވާބު އެކުލަވާލާ ގޮތް ފިޔަވަހި ފިޔަވައްސަށް ދެނެގަނެވޭނެ އެވެ.

އެންތްރޮޕިކްއިން މި ޓެކްނިކް ބޭނުންކޮށްގެން ކްލޯޑްގެ އެތެރޭގައި ހިނގާ ކަންތައްތައް ދިރާސާކުރުމުން، އިންސާނުންނާ ތަފާތު، އަދި ކްލޯޑް އަމިއްލައަށްވެސް ބޭނުންކުރާކަން ގަބޫލުނުކުރާ ބައެއް އުކުޅުތައް ބޭނުންކުރާކަން ހާމަވެފައިވެ އެވެ.

ދިރާސާގައި ކްލޯޑްގެ 10 އެކި ވައްތަރުގެ ޢަމަލުތައް ބަލާފައިވާއިރު، އޭގެ ތެރެއިން 3 އަމަލެއް ހާއްސަކޮށް ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި "ކުޑަ" ގެ އިދިކޮޅު މާނަ އެކި ބަސްތަކުން ހޯދުން ހިމެނެ އެވެ. މި ސުވާލުގެ ޖަވާބު ހޯދުމުގައި ކްލޯޑް ފުރަތަމަ އެއްވެސް ބަހަކާ ގުޅުމެއްނެތި "ބޮޑު" އާ ގުޅުންހުރި މާނައެއް ހޯދާފައި، އޭގެ ފަހުން ސުވާލުގައިވާ ބަހާ ގުޅޭ ލަފުޒު ނަގާކަން ފާހަގަކުރެވިފައިވެ އެވެ.


މި ދިރާސާއިން ހާމަވެފައިވަނީ، އޭއައި މޮޑެލްތަކުގެ އެތެރޭގައި ހިނގާ ކަންތައްތައް އަދިވެސް ފުރިހަމައަށް ނޭނގޭކަމާއި، އެންތްރޮޕިކްގެ މި މަސައްކަތަކީ އެކަން ދެނެގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމެވެ.

މި ދިރާސާއިން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި، ކްލޯޑްގެ ހިސާބު ހެދުމުގެ އުކުޅުތަކާއި ޅެން ހެދުމުގެ އުކުޅުތައް ހިމެނެއެވެ.

ހިސާބު ހެދުމުގައި ކްލޯޑް ބޭނުންކުރަނީ އާންމު ގޮތްތަކާ ތަފާތު އުކުޅުތަކެކެވެ. މިސާލަކަށް 36 އާއި 59 އެއްކުރުމުގައި، ކްލޯޑް ފުރަތަމަ ގާތްގަނޑަކަށް އަންދާޒާކޮށް 92 އަށް ވާސިލުވެ، ދެން އަނެއް ބައިން 6 އާއި 9 އަށް ބަލައި ޖަވާބު 5 އަކުން ނިމެންޖެހޭނެކަން ދެނެގަނެ، މި ދެބައި އެއްކޮށްގެން 95 އަށް ވާސިލުވެއެވެ. ނަމަވެސް މި ހިސާބު ހެދި ގޮތް ކްލޯޑްގާތު އަހާލުމުން، އާންމު ގޮތަށް ހިސާބު ހަދާ ކަމަށް ބުނެއެވެ.

ޅެން ހެދުމުގައި ކްލޯޑް ގެންގުޅޭ އުކުޅުތަކަކީ މީގެވެސް މާ އަޖައިބު އުކުޅުތަކެކެވެ. ޅެމުގެ ފުރަތަމަ ބައި (ސަދުރު) ދީފައި ދެވަނަ ބައި (އަޖުޒު) ހަދަން އެދުމުން، ކްލޯޑް ފުރަތަމަ ބައިގެ ފަހު ބަހާ ގުޅޭ ބަހެއް ނަގައި، އެ ބަހަށް ފެތޭގޮތަށް ދެވަނަ ބައި އެކުލަވާލަ އެވެ.

މި ދިރާސާއިން ހާމަވެފައިވަނީ، ކްލޯޑް ފަދަ އޭއައި މޮޑެލްތަކުން ޖަވާބު ހޯދުމުގައި ބޭނުންކުރާ އުކުޅުތަކަކީ އިންސާނުން ޢާންމުކޮށް ބޭނުންކުރާ އުކުޅުތަކާ ވަރަށް ތަފާތު އުކުޅުތަކެއްކަމެވެ.