29 މާރިޗު 2025 - 06:55 1
ލީވާން އަލީ ނާސިރު
ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރުން -- ފޮޓޯ: ހެލްތު މިނިސްޓްރީ
29 މާރިޗު 2025 - 06:55 1
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ސަރުކާރު ކުންފުނިތަކާއި ހަވާލުކުރީ ފަސް ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުތަކަށް އިތުރު ކުރެވޭ ފަސް އިމާރާތެއް އެޅުމަށެވެ.
އެގޮތުން ނ. ވެލިދޫ ހޮސްޕިޓަލް އަދި އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
ބ. ކުޑަރިކިލު، ގއ. ކޮނޑޭ އަދި ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ފެނަކާ ކޯޕަރޭޝަނާ އެވެ.
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކުރެވޭ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރިހަށްވުރެ ކުރިން ނިންމުމަށް އިސްކަން ދޭނެ ކަމަށެވެ.
އެގޮތުން އަމާޒަކީ ހުއްޓުމެއްނެތި މަސައްކަތް ފަށާ ގޮތަށް ފެނަކައާ ހަވާލުކުރި ތިން މަޝްރޫއު ވެސް ނިންމާލުން ކަމަށް ނަޖާހު ވިދާޅުވި އެވެ.
މީގެއިތުރުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު، ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ އަދި ގއ. ވިލިނގިލި ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ސައުދީ ވިދާޅުވީ އެ ކުންފުންޏާ ހަވާލުކުރެވުނު ފަސް މަޝްރޫއުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ސިއްހީ ހިދުމަތް ދޭ 10 ތަން ހެލްތު މިނިސްޓްރީން ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކުރީ 2027 ވަނަ އަހަރުގެ ކުރިން ނިންމުމަށެވެ.
މަޝްރޫއުތަކަށް ހަރަދުވާނެ ފައިސާގެ އަދަދު ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ބައެއް ހޮސްޕިޓަލްތައް އަޅަނީ 108 މިލިއަން ރުފިޔާ އަދި 185 މިލިއަން ރުފިޔާއަށެވެ.
އަދި ސިއްހީ މަރުކަޒުތައް އަޅަން 26 މިލިއަން ރުފިޔާ ހަރަދުވާއިރު، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތް އެޅުމަށް 6 މިލިއަން ރުފިޔާ އަދި 11 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވެސް ދައުލަތުގެ މީޑިއާއިން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
4 days ago
މިދައުރުން ބާކީ ދުވަހެއް އޮއްވަ ތީންކަމެސް ނުނިމޭނެ،
Comment