ހުލާސާކޮށް އިއްޔެ: ހާމަވީ މެންބަރުންގެ ކުފޫ ހަމަނުވުން

29 މާރިޗު 2025 - 03:02 0

މައުމޫން ހަމީދު


ހުލާސާކޮށް އިއްޔެ: ހާމަވީ މެންބަރުންގެ ކުފޫ ހަމަނުވުން

29 މާރިޗު 2025 - 03:02 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވައިލެއްވުމުން އެނގި ހާމަވީ އެ ބިލު ފާސްކުރި މަޖިލިސް މެންބަރުންގެ ކުފޫ ހަމަނުވާކަން ކަމަށް ފުންނާބު އުސް ގާނޫނީ ވަކީލު، މައުމޫން ހަމީދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު ނޫހުން ގެނެސްދޭ "ދިވެހިރާއްޖެ" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އަވަސް އަރުވާލައިގެން މަޖިލީހުން އެ ބިލު ފާސްކުރީ ވެސް ގާނޫނީ ވަކީލުންނާއި ބާ ކައުންސިލުގެ އިތުރުން އެތައް ބަޔަކު އެ ބިލާމެދު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި އެ ބިލު ފާސްކުރީ ވަކި ބަޔަކު ބޭނުންވި ގޮތަށް، އެ ބައެއްގެ ބާރު އޮތީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އަނބުރާ ފޮނުއްވައިލެއްވީމާ އަޅުގަނޑު ދަންނަވާނީ އޭގެން ސާފުވެގެން މިދިޔަ ކަމަކީ އަޅުގަނޑު ހިތުން، އަޅުގަނޑު ވެސް ހަމަ ހިމެނޭ ގޮތަށް މި އިންތިހާބީ ދާއިރާތަކުގައި އިންތިހާބުތަކުގައި ވޯޓުލާން ތިބޭ އިލެކްޓްރޭޓްގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް މި ފެނުނީ އެހެންވީމާ އަޅުގަނޑުމެން އިންތިހާބުކުރި އަޅުގަނޑުމެންގެ މަންދޫބުންގެ ކުފޫ ހަމަނުވާކަން، އެ ބޭފުޅުން ކަނޑައެޅިގެން އެނގިތިބެ ގާނޫނުއަސާސީއާ ހިލާފަށް ކަން ކުރެއްވިކަން މި ފެނުނީ، އެ ހާމަވެގެން މިދިޔައީ ފާޅުވެގެން މި ދިޔައީ ރައީސުލްޖުމްހޫރިއްޔާ އެ އަނބުރާ ފޮނުވައިލެއްވީމާ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތައް ޑްރާފްޓު ކުރަނީ ވެސް އޭނާއަށް އެނގިވަޑައިގެންފައި އޮންނަ ގޮތުން، ބަންޑާރަ ނައިބު ކަމަށެވެ. ނަމަވެސް ފަނޑިޔާރުން މަދުކުރާ ބިލު ޑްރާފްޓު ކުރިއިރު، އޭގައި ހުރި ކަންކަން ގާނޫނުއަސާސީއާ ހިލާފުކަން އެނގިވަޑައިނުގެން، އެ ބިލު މަޖިލީހުން ފާސްކުރުމުން، އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރާން ފެށީމާ ކުއްލިއަކަށް އެ ބިލު ގާނޫނުއަސާސީއާ ހިލާފުކަމަށް ބަންޑާރަ ނައިބަށް ފެނުނީމާ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ނުކުރެއްވީ އެ ބިލާ މެދު އާންމުންގެ ކަންބޮޑުވުން އޮތް މިންވަރުން ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އެ ބިލު ފާސް ނުކުރުން އެއީ ރަނގަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގާނޫނުތައް ވުޖޫދުވެގެން އަންނަން ޖެހެނީ ނުވަތަ އިސްލާހު ކުރެވެން ޖެހެނީ މިހާރު ހުރި ކަންކަން ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ބިލު ހުށަހެޅިއިރު، އެ ސަބަބެއް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން އެ ގެންދިޔައީ ވެސް މި ދެންނެވިހެން އޭގެ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރުމެއް ނެތި، މުޖުތަމައުއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި، ހަމަ ވަކި ބަޔަކަށް ފެނިގެން އެ ފެނުނު ގޮތަކަށް އެ ގެންދިޔައީ ހަމަ ގަދަބާރުން އެއޮތީ އެކަން ކޮށްފައި، އެކަން ކޮށްފި، އެކަމަކު އެއީ ކުރެވިގެން ވާނެ ކަމެއް ނޫން އެއީ، އެކަމުގައި އެ އުޅުއްވި ހުރިހާ ބޭފުޅުން ވެސް ހަމަ ލަދުގަންނަން ޖެހޭނެ ބައިވެރިވެވަޑައިގެންނެވުނީތީ،" މައުމޫން ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު