29 މާރިޗު 2025 - 04:29 3
ލީވާން އަލީ ނާސިރު
އީދު ބޮކި ދިއްލުން ފާހަގަ ކުރަން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
29 މާރިޗު 2025 - 04:29 3
މި ފަހަރުގެ ފިތުރު އީދުގައި 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާ ހަރަދު ކުރާއިރު، ބައެއް ރަށްތަކަށް ބޮއްކާއި އެއާ ގުޅޭ ސާމާނު ފޮނުވީ ފުރަތަމަ ކަނޑައެޅި ވަރަށް ވުރެ މަދުންކަން އެނގިއްޖެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ރަށު ކައުންސިލްތަކުގެ މެންބަރުން ބުނީ އީދު ބޮއްކާއި އެއާ ގުޅޭ އައިޓަމްތަކުގެ އަދަދުތަކާއެކު ލޯކަލް ގަވާމެންޓު މިނިސްޓްރީން ފުރަތަމަ ސިޓީއެއް ފޮނުވީ މާޗު 6 ގައި ކަމަށެވެ.
އެ ސިޓީގައި ހިމަނާފައިވާ އައިޓަމްތަކުގެ އަދަދާއި، އެ އައިޓަމްތަކުގެ މިންވަރަށް މަދުކޮށް އާ ސިޓީއެއް މާޗު 17 ގައި ފޮނުވި ކަމަށް ކައުންސިލްތަކުން ބުންޏެވެ.
ލޯކަލް ގަވާމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކަނޑައެޅި އަދަދު ތަކުގެ ތެރެއިން ބައެއް ރަށްރަށް ނުލިބޭނީ ގިޑިގެ އެކަނި ކަމަށާއި އެވެސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލޯކަލް ގަވާމެންޓު މިނިސްޓްރީގެ ސިޓީތަކުގެ ކޮޕީ އަދަދު ނޫހަށް ލިބިފައިވެ އެވެ.
އެ ސިޓީތަކުން އެނގޭ ގޮތުގައި ފުރަތަމަ ފޮނުވި ސިޓީގައި ނުވަ އައިޓަމެއް ފޮނުވާނެ ކަމަށް ކަނޑައަޅާފައި ވާއިރު، މާޗު 17 ގެ ސިޓީގައި އޮތީ ހަ އައިޓަމެވެ. އެ ހަ އައިޓަމްގެ ބައެއް ސާމާނު ކުރިއަށް ވުރެ މަދުކޮށްފައިވެ އެވެ.
"މިއީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން،" ކައުންސިލެއްގެ ރައީސް ބުންޏެވެ.
"މި ރަށަށް ފޮނުވީ މި ރަށް ޒީނަތްތެރި ކުރެވޭނެ މިންވަރަކަށް ވެސް ނޫން."
މިދިޔަ އަހަރު އީދު ބޮކި ދިއްލަން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. އެ ރަށްތަކުގެ އިތުރުން މި ފަހަރު އަލަށް ދިއްލާ 36 ރަށަށް ކުރާ ހަރަދާއިރު، އީދު ބޮކި ދިއްލަން 75 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
ޗައިނާއިން ލިބޭ އަސްލު އަގުގައި އީދު ބޮކި ގެނެސް ރަށްރަށަށް ފޮނުވިޔަސް 75 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއް ވެސް ހަރަދު ނުވާނެ ކަމަށް ބައެއް ވިޔަފާރިވެރި އަދަދު ނޫހަށް ބުންޏެވެ.
"އެއީ އެތައް ގުނައެއް އަގުބޮޑުކޮށް އެތެރެކޮށްފައިވާ ތަކެތި،" ވިޔަފާރިވެރިޔަ ބުންޏެވެ.
ސަރުކާރުން ފައިސާ ހަރަދުކޮށްގެން ބޮކިތައް ގެނެސް، ރަށްރަށަށް ފޮނުވަނީ ސްޓެލްކޯއިންނެވެ.
އީދު ދިއްލުމުގެ ނަމުގައި ކުރާ ބޮޑު އިސްރާފުން ދައުލަތަށް ލިބޭ ގެއްލުން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން، އަދި އޮޑިޓަ ޖެނެރަލް ވެސް ފިޔަވަޅެއް އަޅާފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މޯތީ ލޯންޗުސެކްސަން
3 days ago
ޢަސްލު ވީގޮތް ހަގީގަތަށް ރައީތުންނަށް ހާމަކޮށްލަދޭނަން ކުރިންފަހަރު އީދުގަ ގެނަ ގިނަ ބޮކިތަށްއޮތީ އެޗްޑީސީ ޖެޓީ މަތީ ވާރޭގަ އަވީގަ އުކާލާފަ ގިނަ އެތްޗެހި ހުރީ ދަބަރަށްވެ ކުލަގޮސް ހަލާކުވެފަ މަމީ އޭގަ އަތް ހޭކި މީހެތް
ސައިޚް
3 days ago
މީކޮންފާޑެއްގެ ތަރައްގީއެއްތޯ.؟ ކަމެއް ކުރަންވެސް އެނގޭ ބައެއްނޫން، ވައްކަންވެސް ރޯމާ ދުވާލު ހާމަކަންބޮޑުކޮއް، ކީއްކުރާނީ، އޭ،ސީ.ސީ.، އޮޑިޓާރ ޖެނެރަލ، ހިއުމަންރައިޓްސް ހުރިހާ ތަނެއް ނިދާފަ، ލޯ މެރިފަ، މީވާގައުމެއް،
ޖީހާން
3 days ago
75 މިލިޔަން ރުފިޔާ ރަށްތަކުގެ ތަރައްގީއަށް ހަރަދުކުރުން ، މަތީ ތައުލީމް ދިނުމަށް ހަރަދުކުރުން މާ އައުލާކަން ބޮޑެވެ.
Comment