އޮސަސޫނާ ބަލިކޮށް ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

28 މާރިޗު 2025 - 06:54 0


އޮސަސޫނާ ބަލިކޮށް ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

28 މާރިޗު 2025 - 06:54 0

ބާސެލޯނާ (މާޗް 28) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ 3-0 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މެޗު ކުޅެން އެންމެ ފުރަތަމަ ތާވަލުކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެކަމަކު، މެޗު ފެށެން 20 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، މެޗު ފަސްކުރަން ނިންމީ، މެޗު ކުޅެން އޮތް ދުވަހު ބާސެލޯނާގެ ޓީމު ޑޮކްޓަރު، މިނާރޯ ގާސިއާ މަރުވުމުންނެވެ.

ބާސެލޯނާ އިން ރޭގެ މޮޅާ އެކު، އެއް ވަނައިގައި އޮތީ 28 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 28 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 28 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ރޭގެ މެޗު ފެށިގެން 21 މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ގޮތުން، 11 ވަަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފޯވާޑް، ފެރާން ޓޮރޭޒް އެވެ. މިއީ، އަލެހަންދްރޯ ބާލްޑޭ ނެގި ހުރަަހަކަށް އަރައި ފެރާން ޓޮރޭޒް ޖެހި ގޯލެކެވެ.

މެޗުގެ 21 ވަނަ މިިނިޓްގައި ބާސެލޯނާ އިން ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ޑަނީ އޮލްމޯ އެވެ. މިއީ، އޮލްމޯ އަށް އޮސަސޫނާ ކީޕަރު، ސާޖިއޯ ހެރޭރާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ފުރަތަމަ ފަހަރު ފޮނުވާލުމުން ނާކާމިޔާބުވި ނަމަވެސް، އެ ޕެނަލްޓި ޖެހިއިރު އޮސަސޫނާ ކުޅުންތެރިއަކު އޭރިއާތެރެއަށް ވަނުމުން، އަލުން ޖަހަން ދިން ފުރުސަތުގައި އޮލްމޯ ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ، ކައުންޓަ އެޓޭކުގައި ލިބުނު ފުުރުސަތެއްގައި ލެވަންޑޯސްކީ ބޮލުން ޖެހި ގޯލެކެވެ. މިއާ އެކު، ލީގުގައި ލެވަންޑޯސްކީ ޖެހި ގޯލުގެ އަދަދު 23 އަށް ވަނީ އަރައިފަ އެވެ.