ވާދަވެރި ސީޒަންތަކެއް ނުކުޅެ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްނުދާނެ: ނިޒާމްބެ

26 މާރިޗު 2025 - 07:36 0


ވާދަވެރި ސީޒަންތަކެއް ނުކުޅެ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްނުދާނެ: ނިޒާމްބެ

26 މާރިޗު 2025 - 07:36 0

މެދުކެނޑުމެއްނެތި ވާދަވެރި ފުޓްބޯޅަ ސީޒަންތަކެއް ކުޅެގެން ނޫނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްނުދާނެ ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުވާނީ ލީގު ފެށުމުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނުމުން އެ އަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި، ނިޒާމްބެ ވަނީ ހިޔާލުފާޅުކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ، ގައުމީ ޓީމަށް ކުޅުންތެރިން ތައްޔާރުކުރާ ފެކްޓަރީ އަކީ ކްލަބްތައް ކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިން ކޮންޑިޝަން ކުރަނީ ކްލަބް ކޯޗުން ކަމަށެވެ. އަދި ގައުމީ ޓީމަށް އަރަން ކުޅުންތެރިން ޕާފޯމަންސް ދައްކަނީ ކްލަބް މުބާރާތްތަކުން ކަމަށް ނިޒާމްބެ ބުނެފައިވެ އެވެ.

"ސަމޫހު މިދެއްކީ 100 ގެ ވާހަކައެއް. ރާއްޖޭގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ދާން ބޭނުންވަނީ މެދުނުކެނޑި ފަސް އަހަރު ދުވަހުގެ ފެންވަރު ރަނގަޅު ވާދަވެރި ފަސް ސީޒަން،" ޓީސީ ސްޕޯޓްސް ކްލަބަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަމާއި 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ހޯދައިދިން ނިޒާމްބެ ބުންޏެވެ.


ނިޒާމްބެ ބުނީ ފުޓްބޯޅައިގެ ތެރޭގައި ތިބި ޒުވާން ކުޅުންތެރިންނަށް މީގެ ތެރެއިން ކުރިއަށްދެވޭނެ ހަރުދަނާ މަގެއް ދައްކަން ޖެހޭ ކަމަށެވެ.

"މިހާރު މި ފެންނަ މޮޅެތި ޒުވާން ކުޅުންތެރިން ފުޓްބޯޅަ ތެރޭގައި ހިފެހެއްޓޭނެ މި ސަބަބު ދެއްކިއްޖެނަމަ ހީނުކުރާހާ ރަނގަޅު ޒުވާން ޓީމެއް ފެންނާނެކަން ޔަގީން. ދިވެހި ފުޓްބޯޅަ އާރާސްތުކުރަން ބޭނުން މިކަމުގެ ތަޖުރިބާހުރި މި ދާއިރާއިން ތައުލީމު ހާސިލްކޮށްފައި ތިބި ފުޓްބޯޅަ ކުލުނު ހުރި މީހުންނަށް މި ކުޅިވަރު ބައްޓަންކޮށް ހިންގުމުގެ ފުރުސަތު ދީގެން،" ނިޒާމްބެ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މި ވަގުތަށް ބަލާއިރު ކަލަންޑަރު ކުރެވިފައި އޮތީ އަންނަ މަހުގެ އަށް ވަަނަ ދުވަހު އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅައިގެ މެޗެއް އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.