Advertisement

ހާލަތަށް ބަލާއިރު އަންހެން ގައުމީ ޓީމުގެ ތައްޔާރީތައް ރަނގަޅު

30 ޑިސެންބަރު 2024 - 09:24 1


ހާލަތަށް ބަލާއިރު އަންހެން ގައުމީ ޓީމުގެ ތައްޔާރީތައް ރަނގަޅު

30 ޑިސެންބަރު 2024 - 09:24 1

މި ވަގުތުގެ ހާލަތަށް ބަލާއިރު، އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ތައްޔާރީތައް ރަނގަޅު ކަމަށް ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އަންހެން ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާގެ ބެންގަލޫރުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު މިއަދު މެންދުރު ފަހު ކުޅޭނެ އެވެ. އެ މެޗުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ، ގައުމީ އަންހެން ޓީމުން އިންޑިއާ މެޗަށް މިދިޔަ 10 ދުވަސް ތެރޭގައި އެކަށޭނެ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެެވެ.

"މި ވަގުތުގެ ހާލަތަށް ބަލާއިރު ވަރަށް ރަނގަޅޭ ބުނެވޭނީ ތައްޔާރީތައް. ދެން، ދަނޑުމަތީގައި ކުރަން ޖެހޭ މަސައްކަތްތަކަށް ފޯކަސް ކޮށްގެން ހިތްވަރުކުރުން އޮތީ، ދެން، އިންޑިއާ ވެސް ރަނގަޅު ކުޅުންތެރިންނާ އެކު ވަރުގަދަ ސްކޮޑަކުން ޓީމެއް ނަގައިގެން ނުކުންނަ މެޗެއް މިއީ،" އިންޑިއާގައި ހުރެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ނިޒާމްބެ ބުންޏެވެ.

އަންހެން ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ ވަނީ ހަ ފަަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން އިންޑިއާ މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، 0-0 އިން އެއްވަރުވި މެޗަކީ 2016 ވަނަ އަހަރު، އިންޑިއާގެ ޝިލޯންފައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގައި، މި ދެ ޓީމު ބައްދަލުކުރި މެޗެވެ. އިންޑިއާ އިން ރާއްޖެ ބަލިކުރި މެޗުތަކަކީ، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި 15-0 އިން ރާއްޖެ ބަލިވި މެޗާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 8-0 އިން ބަލިވި މެޗާއި 2019 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 6-0 އިން ބަލިވި މެޗާއި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 5-0 އިން ބަލިވި މެޗުގެ އިތުރުން 2022 ވަަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 9-0 އިން ނިމުނު މެެޗެވެ.

ނިޒާމްބެ ބުނީ، އިންޑިއާ އިން ވެސް އެ ޓީމުގެ ކޯޗު ސްވިޑެންގެ ޖޮއަކިމް އަލެކްސަންޑަސަނާ އެކު މި ނުކުންނަނީ އެ ގައުމުގެ އަންހެން ފުޓްބޯޅައިގެ ވެސް ޓްރާންސިޝަން ޕީރިއަޑެއްގައި ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑަކާ އެކު އިންޑިއާ އިން ނުކުންނަ ކަމަށް ބުނި ކަމުގައި ވިޔަސް އިންޑިއާ އިން މި މެޗުތަކުގައި ކުޅެނީ، ކުރިއަށް އޮތް މުސްތަގުބަލުގައި ފެންނާނެ އިންޑިއާގެ އެންމެ ވަރުގަދަ ކުޅުންތެރިންނާ އެކުގައި ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

އިންޑިއާގެ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނިޒާމްބެ ބުނީ، ރާއްޖޭގައި އަންހެން ކުޅުންތެރިންނަށް ލީގެއް ނޯންނާތީވެ، އަންހެން ކުޅުންތެރިންނަށް ޓްރެއިނިން ކުރިއަށްގެންދަން ލިބެނީ ގައުމީ ޓީމުގެ ކޭމްޕްގައި އެކަނި ކަމަށެވެ. އެކަމަކު، އުންމީދަކީ، އެފްއޭއެމްގެ ކަންކަން ރަނގަޅުވެގެން އަންނައިރު، އަންހެން ކުޅުންތެރިންނަށް ވެސް މުބާރާތްތަކެއް އޮންނާނެ ކަމަށް ކަމުގައި ނިޒާމްބެ ވަނީ ބުނެފަ އެވެ.

ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު، މަރިޔަމް މިރުފަތަށް މި ފަހަރު ޓީމާ އެކު ނުދެވުނު ކަމުގައި ވިޔަސް ކޯޗިން ޓީމާ އެކު، ކުރީގެ ކެޕްޓަން، ފަދުވާ ޒާހިރު ބައިވެރިވުމަކީ ހިތްހަމަޖެހުމެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ރާއްޖެއާ ބެހޭގޮތުން، އިންޑިއާގެ ކޯޗު އަލެކްސަންޑަސަން ބުނީ، މި އަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ކުޅުނު މެޗުތައް ބެލި ކަމަށާއި ފެނުނު މަންޒަރުތަކުން އެނގޭ ގޮތުގައި ރާއްޖެ އަކީ އެންމެ ވަރުގަދަ ޓީމެއް ނޫން ކަމަށެވެ. އެކަމަކު، އިންޑިއާ އިން ފަރުވާތެރި ކަމާ އެކު ކުޅެގެން މެޗު ޑޮމިނޭޓްކުރަން މަސައްކަތް ނުކޮށްފިނަމަ އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އަލެކްސަންޑަސަން ގަބޫލުކުރެ އެވެ.

އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ތިނެއް ޖަހާއިރު އެވެ.