ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ ހިދުމަތް ވޮޝިންޓަންގައި ފަށަނީ

26 މާރިޗު 2025 - 05:48 0

އަހުމަދު ދާއޫދު

އ

ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ -- ފޮޓޯ: ރޮއިޓާސް


ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ ހިދުމަތް ވޮޝިންޓަންގައި ފަށަނީ

26 މާރިޗު 2025 - 05:48 0

އިންސާނީ ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ ނުވަތަ ސެލްފް ޑްރައިވިން ހިދުމަތް އެމެރިކާގެ ވޮޝިންޓަންގައި ވެސް ފަށަން ތައްޔާރުވަމުންދާ ކަމަށް ގޫގުލްގެ މައި ކުންފުނި އަލްފާބެޓް އިން ބުނެފިއެވެ.

އަލްފާބެޓް ކުންފުނީގެ ސެލްފް-ޑްރައިވިންގ ޔުނިޓް ކަމަށްވާ ވޭމޯއިން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ ހިދުމަތެއް 2026 ވަނަ އަހަރު ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

މިގޮތުން ވޭމޯއިން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ވޮޝިންޓަންއަށް އެ ކުންފުނީގެ ވެހިކަލްތައް ގެންދަން ފަށާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ވެހިކަލްތައް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

"އިންސާނަކު ނުލައި ފުރިހަމައަށް އަމިއްލައަށް ދުއްވާ ވެހިކަލްތައް ބޭނުންކުރުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ގާތުން މަސައްކަތްކުރާނަން، އެއީ މިވަގުތު ވޮޝިންޓަން ޑީ.ސީ.ގައި އިންސާނަކު ނުލައި ދުއްވާ އޮޓޮނޮމަސް ވެހިކަލްތައް ދުއްވުމުގެ ހުއްދަ ނުދޭތީ" ވޭމޯއިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑްރައިވަރަކު ނުލައި ދުއްވާ ޓެކްސީ "ވޭމޯ ވަން" ނަމަކަށް ކިޔާ ޚިދުމަތުން މިހާރު ކޮންމެ ހަފްތާއަކު 200,000 އަށް ވުރެ ގިނަ ދަތުރު ސަން ފްރެންސިސްކޯ، ފީނިކްސް، ލޮސް އެންޖެލަސް އަދި އޯސްޓިންގައި ފޯރުކޮށްދެމުންދާކަމަށް ވޭމޯއިން ބުނެފައިވެއެވެ.

މީގެއިތުރުން 2024 ވަނަ އަހަރު 4 މިލިއަންއަށް ވުރެ ގިނަ ދަތުރު އެކުންފުނިން ކޮށްފައިވެ އެވެ. އަދި އެޓްލާންޓާ، މަޔާމީ އަދި ވޮޝިންގޓަންއަށްވެސް މިހިދުމަތް ފުޅާކުރުމަށް ރާވާކަމަށް ބުނެފައިވެއެވެ.

ވޭމޯއިން 2024 ވަނަ އަހަރު އޮކްޓޯބަރު މަހު އަލްފާބެޓް ކުންފުނި އިސްވެ ހިންގި އިންވެސްޓްމަންޓްއަކުން 5.6 ބިލިއަން ޑޮލަރު ހޯދާފައިވާކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. މިއީ ކުންފުނީގެ ސެލްފް-ޑްރައިވިންގ ޓެކްސީ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭ ފައިސާ އެވެ.

ސަލާމަތީ މައްސަލަތަކާ ގުޅިގެން 2023 މެއި މަހު އެމެރިކާގެ ނެޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަން (NHTSA) އިން ތަހުގީގެއް ފަށާފައިވެއެވެ. މިއީ ވޭމޯގެ ރޮބޯޓެކްސީތަކުން، ދުއްވާ މިންގަނޑުތަކާ ހިލާފު އަމަލުތައް ކަމަށް ބެލެވޭ 22 ރިޕޯޓު ލިބުމާ ގުޅިގެން ހިންގާ ތަހުގީގެކެެވެ. މީގެ ތެރޭގައި 17 އެކްސިޑެންޓްވެސް ހިމެނެއެވެ.

ޑްރައިވަރަކު ނެތި އަމިއްލައަށް ދުއްވާ ޓެކްސީގެ ސަލާމަތްތެރިކަމާ ގުޅިގެން ވޭމޯއިން ވަނީ 50 މިލިއަން މޭލަށް ވުރެ ގިނަ ދުރުމިން ކަވަރުކުރި ޑޭޓާއަށް ބިނާކޮށް، ވޭމޯ ވެހިކަލްތަކަކީ އިންސާނަކު ދުއްވާ ވެހިކަލަކާ އަޅާބަލާއިރު 81 ޕަސެންޓު ނުވަތަ 154 އެކްސިޑެންޓް މަދުން ހިނގާ ވެހިކަލްތަކެއްކަން އެކުންފުނިން ފާހަގަކޮށްފައެވެ.