25 މާރިޗު 2025 - 18:59 0
އަހުމަދު އާއިދު
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމުގެ ސްކްރީންޝޮޓެއް: އެކަމާ ގުޅިގެން އެ ސްޓޭޝަނުން ވަނީ މައާފަށް އެދިފަ --
25 މާރިޗު 2025 - 18:59 0
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހި މައްސަލާގައި އެ ޓީވީ ސްޓޭޝަނުން މައާފަށް އެދެފި އެވެ.
ރާއްޖެ ޓީވިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޓީވީ ސްޓޭޝަނުން ލައިވްކުރި އެ ޝޯގައި ދެކެވުނު ވާހަކައިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
މި މައްސަލާގައި ރާއްޖެ ޓީވީން މައާފަށް އެދިފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިކަން ކުށްވެރިކޮށް މައްސަލަ ބަލާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ބްރޯޑްކޮމްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީންވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްއާރުސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މާހިރު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
މާހިރުގެ ޕޯސްޓު ފޭސްބުކްގައި ވައިރަލްވެ 650 އަށްވުރެ ގިނަ ޝެއާ ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ޕްރޮގްރާމުގައި އޯޓިސްޓިކް އަދި ޑައުންސިންޑްރޯމް ކުދިންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި އޯޓިޒަމް އާއި ޑައުންސިންޑްރޮމް ފަދަ މައުލުތައް ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ.
40.00%
0.00%
40.00%
20.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment