ގައިދީއެއްގެ މަރުގައި ޝައްކެއް ނެތް ނަމަ ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފި

24 މާރިޗު 2025 - 11:51 0

ލީވާން އަލީ ނާސިރު

ލ

މާލޭ ގެއެއް ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ގެންދަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގައިދީއެއްގެ މަރުގައި ޝައްކެއް ނެތް ނަމަ ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފި

24 މާރިޗު 2025 - 11:51 0

އުސޫލު ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޖަލުތަކާއި ފުލުހުންގެ ރިމާންޑު ޖަލުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާނީ ހަމައެކަނި މަރާ މެދު ޝައްކު އުފެދިގެން އެކަނި ކަމަށް ނިންމައިފި އެވެ.

މާފުށީ ޖަލުގައި މިދިޔަ އަހަރުގެ ޖޫން މަހު ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45, މަރުވުމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުގައި ހުރި އެއްވެސް މީހަކު މަރުވެއްޖެ ހާލަތެއްގައި އާއިލާއާ ހަށިގަނޑު ހަވާލުކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހު ކަމަށެވެ.

"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން," އިހުސާން އޭރު ވިދާޅުވި އެވެ.

އިހުސާން މިއަދު އަދަދު އަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދިޔަ ސ. މަރަދޫ، އިބްރާހިމް ޝަމްވީލް، 23 އިއްޔެ އަމިއްލައަށް މަރުވުމާ ގުޅިގެން އޭނާގެ މަރާ މެދު އެއްވެސް ޝަކެއް އުފެދިފައި ނުވާއިރު، އާއިލާއިން ތަކުރާރުކޮށް އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން އެދިފައިވާ ކަމަށެވެ.

މިގޮތުން އާއިލާއިން ތަކުރާރުކޮށް އެދުމުން އުސޫލު ބަދަލުކުރީ ޝައްކު ނުއުފެދޭ މަރުތަކުގައި އާއިލާއަށް ހަށިގަނޑު ދޫކޮށްލުމަށް އެދުމުން ޕޯސްޓްމޯޓަމް ނަހަދައި ހަށިގަނޑު ހަވާލު ކުރާ ގޮތަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޔާސަތު މިހާރު ވަނީ ބަދަލުކޮށްފައި. އެއްވެސް ކަހަލަ ޝައްކު ކުރެވޭ ހާލަތެއް ނެތިއްޔާ ފެމިލީ އިން އިންވޯލްވާ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އެކަން ރިކުއެސްޓް ކުރީމަ ހަށިގަނޑު މި ދޫކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑު ފުލުހުން އާއިލާއާ ހަވާލު ކުރުމަށްފަހު އަލުން ޕޯސްޓްމޯޓަމް ހަދަން ނިންމީ ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ފޮޓޯތަކާއި ގުޅިގެންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޖަމީލްގެ ގައިން ކޮންމެ ވެސް ވަރެއްގެ ޒަހަމްތައް ފެންނަން ހުއްޓެވެ.

ނަމަވެސް އޭނާގެ ހަށިގަނޑު އާއިލާއިން ފުލުހުންނާ ހަވާލު ކުރަން ދެކޮޅު ހެދި އެވެ. މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ އެކު ވެސް އާއިލާއިން ކުރި މަޝްވަރާއަށްފަހު، ހަށިގަނޑު ހަވާލުކުރަން ދެކޮޅު ހެދުމުން ޖަމީލުގެ ހަށިގަނޑު ވަޅުލާން ހުއްދަ ދިނެވެ.