24 މާރިޗު 2025 - 06:06 0
އަހުމަދު އާއިދު
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ ބަޔަކު ކުރި މުޒާހަރާއެއްގެ ތެރެއިން --- ފޮޓޯ: ސޯޝަލް މީޑިއާ
24 މާރިޗު 2025 - 06:06 0
އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި، މިއަދު ވެސް އެ ސިޓީގެ ގުޅިފައިވާ ރަށްރަށުން ގަޑި ބަހައިގެން ކަރަންޓު ކަނޑަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި ފެނަކައިން އައްޑޫގެ ރައްޔިތުންނަށް ފޮނުވި މެސެޖެއްގައި ބުނީ، މިހާރު ހުރި ޖަނަރޭޓަރުތަކުން ކަރަންޓު އުފައްދަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ބޭނުންކުރާ ކަރަންޓުގެ ލޯޑު މަތިވާ ގަޑީގައި ބޭނުންވާ ނިސްބަތަށް ވުރެ 1،000 ކިލޯވޯޓު މަދުން ކަމަށެވެ.
"މާޗު 24، ވަނަ ދުވަހު މެންދުރު 12:00 އިން އިރުއޮއްސި 19:00 އާ ދެމެދު، ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ބައެއް ސަރަހައްދުތަކުން 1 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމުގައި ދަންނަވަން،" ފެނަކައިން ބުނެފައިވެ އެވެ.
މިގޮތަށް ކަރަންޓު ކަނޑާލަން ނިންމާ ސަރަހައްދުތަކުގެ ވާހަކަ ދުރާލައި އިއުލާނުކުރާނެ ކަމަށާއި ހަވީރު 6:00 ގެ ފަހުން ކަރަންޓު ނުކަނޑާ މެނޭޖު ކުރެވޭތޯ ބަލާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި، ކަރަންޓު ކެނޑިގެން ދިމާވާ ދަތިތަކަށް ފެނަކައިން މައާފަށް އެދިފައިވެ އެވެ.
ފެނަކައިން މީގެ ކުރިން ބުނީ ރޯދައަށް މައްސަލަ އެކީ ހައްލުވާނެ ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެނަކައިން ބުނީ ފެބްރުއަރީ 17، ގަ އެވެ.
ނަމަވެސް، ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.
އެ މައްސަލަ ބަލައިގަތުމަށް ޕީއެންސީން ވޯޓު ދެއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން އެކަންޏެވެ.
ކަރަންޓު މައްސަލައާ ގުޅިގެން މީގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އަނެއްކާވެސް ކަރަންޓު ކެނޑެން ފެށީ މައްސަލަ ޖެހުނު ތިން ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އަނެއްކާ ވެސް ހަމަ އެ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހިގެން ކަމަށެވެ. މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ފެނަކައަށް ބުނެނުދެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ. މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިން ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment