ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭ މުޒާހަރާ ކުރުމާ ގުޅިގެން އެ ތަނަށް ވަޑައިގަތުމަށްފަހު ރައީސް އޮފީހުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
"މިގޮތަށް މިކަންކަން އޮތްކަން މިއީ އަދި މިހިސާބަށް އައި އިރުގަވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭނގި އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ތެލެސީމިއާ ޕޭޝަންޓުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި އޮފިޝަލުންނާ ބައްދަލުކޮށް ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރިކަން މިއަދު އެމަނިކުފާނަށް ލިިޔެކިޔުމުން ފެންނަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
"އެކަމަކު އަމަލީ ސިފައެއް ނައިސް މިއޮތީ. އެހެންކަމުން އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން އަޅުގަނޑު ވާނީ މިއަދު ނިންމާފަ. އަދި، މި ދެންނެވި ގޮތަށް ތަނަށް ބޭނުންވާނެ ބަދަލުތައް ގެނައުމަށްވެސް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގަ މި ދެންނެވި ބަދަލުތައް ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ހުޅުމާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރު ބަދަލުކުރާ އިމާރާތް ވެސް ބައްލަވާލައްވާފަ އެވެ. އަދި، މާލޭގައި މި ހިދުމަތް ދޭހާ ދުވަހަކު ހިދުމަތައް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި މިހާރަށްވުރެ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވި އެވެ.
ތެލަސީމިއާ ސެންޓަރުގެ މައްސަލަ ހޫނުވީ އެ ތަނުން ލިބެން ޖެހޭ ބޭސް ނުލިބި ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުމުންނެވެ. އެންމެ ފުރަތަމަ މިކަމުގެ ކަންބޮޑުވުންތައް ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ހިއްސާކުރީ ސޯޝަލް މީޑިއާގަ އެވެ.
އެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަން ފެށީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment