ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި

23 މާރިޗު 2025 - 09:43 0

މުހައްމަދު ޝަހްޒާން

މ

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝައްމާން -- ފޮޓޯ: އިމިގްރޭޝަން


ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި

23 މާރިޗު 2025 - 09:43 0

ބިދޭސީންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދުގެ އާއިލާ މީހެއްގެ ފޯނު ހިފަހައްޓައި، އިތުރު ދެމީހަކު ފުރުން ފުލުހުން މަނާކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓީ، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް, އެއީ ކޮންބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދުގެ ބަންދަށް ރޭ ވަނީ 15 ދުވަސް ޖަހައިފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި އަނެއް ތިން މީހުންގެ ތެރެއިން އެކަކު ތިން ދުވަހަށް، އަނެއް ދެމީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ހުރެ އެވެ. ޝަމްއާން ހައްޔަރުކުރީ އެ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު އެވެ.

ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ. 

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ. ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝައްމާން ދިރިއުޅޭ ގެއަށް ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝައްމާންގެ ގެ ބަލައިފާސްކޮށް ފުލުހުން ރޭ އަތުލި ފައިސާގެ އަދަދު ފުލުހުން ހާމަނުކުރި ނަމަވެސް އެއީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާއަށްވާ ނަގުދު ފައިސާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ޝައްމާން މަގާމުން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އެވެ.