23 މާރިޗު 2025 - 09:49 0
އަހުމަދު އާއިދު
ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް ވިދާޅުވީ ބޭސް ލިބުން ދަތިވަނީ "މެޑިކަލް މާފިއާ" އާ ހެދި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
23 މާރިޗު 2025 - 09:49 0
ކޮންމެހެން ބޭނުންވާ, "އެސެންޝަލް" ބޭސްތައް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ތާރީހު ފަހަނައަޅާ ދިޔައިރު ވެސް ބޭހުގެ މައްސަލަ ހައްލުވާ ގޮތުން ނުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެ އަތޮޅު މީދޫގައި ހުންނަވާ ފެބްރުއަރީ 24، ގައި ރައީސް މުއިއްޒު ވިދާޅުވީ ބޭސް ތާށިކަމުގެ އަޑީގައި އޮތީ "މެޑިކަލް މާފިއާ" އަށެވެ. އަދި އެއީ ވިޔަފާރިތަކުން ރާވައިގެން ރައްޔިތުންނަށް ދަތިކުރަން ކުރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ސަރުކާރުން އެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާޗު 15، އިން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަކުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ހުރިހާ ބޭހެއް، އެއީ އެމްއެފްޑީއޭ އެޕްރޫވުޑް ލިސްޓުގައި ހުރި ހުރިހާ ބޭހެއް. އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 15 މާޗާ ހަމައަށްދާއިރު ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ތާރީހުގެ ފަހުން ހަފުތާއެއް ފާއިތުވެގެން ދިޔައިރު ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސްނުލިބިގެން އަދިވެސް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނުލިބޭ ބޭސްތަކުގެ ތެރޭގައި ޒަރޫރީ ބޭސްތައް ވެސް ހިމެނެ އެވެ.
އެ ގޮތުން ތުއްތު ކުދިންނަށް ދޭން ޖެހޭ ވިޓަމިން ޑީ ބޭސް މާލެ އަދި ހުޅުމާލޭގެ އެސްޓީއޯ ބޭސްފިހާރަތަކުން ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބޭސް ނުލިބޭތާ ތިން މަސް ވެއްޖެ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިހާ ބޮޑަށް ބޭހަށް ޖެހުނު ފަހަރެވެ.
އޭގެ އިތުރުން, ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ލިބެން ޖެހޭ ބޭސް ނުލިބި ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން އެތަނުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭ ވަނީ މުޒާހަރާކޮށްފަ އެވެ.
ސަރުކާރުން ވަނީ އަސާސީ ބޭސްތަކުގެ އިތުރުން އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ ހުރިހާ ވެސް އެސްޓީއޯއިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމާފަ އެވެ. މިކަން ކުރާކަށް ވަކި ތާރީހެއް ނުދެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment