"އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދިނުން ފަދަ ކަމެއް ކޮށްދީފިނަމަ ނޫންނަމަ އެފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން، ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"
މި އިންޒާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް މިދިޔަ އަހަރުގެ ޑިސެންބަރުގައި ފޮނުއްވި މެސެޖެއްގަ އެވެ.
އެ މަނިކުފާނު ވެރިކަން ފެށުމާއެކު ކުންފުނިތަކާއި ބައެއް ވެރިންނަށް ހިޔާނާތުގެ ތުހުމަތު ކުރެވެން ފެށި އެވެ. ހާމަކަން ނެތުމާއެކު މިހާތަނަށް ފަޅާ އަރާފައިވާ މައުލޫމާތުން ވެސް އެނގޭ ގޮތުން، އެންމެ ބޮޑު ހިޔާނާތެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެއް ކުންފުންޏަކީ އެޗްޑީސީ އެވެ. އެހެން އެތައް ކުންފުނިތަކަކުން ވެސް ވައްކަމާއި ހިޔާނާތް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ޔާމީންގެ ވެރިކަމުން ތަރުބިއްޔަތުވި ރައީސް މުއިއްޒު ވެސް ވެރިކަމުގެ ބާރުވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު ހަރަދެއް ކޮށްގެން ހޯދަން ބޭނުންވި އެވެ. އެ ދުވަސްވަރާ ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުން، ހާއްސަކޮށް ފައިސާ ބޯކޮށް އޮތް އެޗްޑީސީން އެކިއެކި މަޝްރޫއުތަކުގެ އެޑްވާންސްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ބޭރުކުރި އެވެ.
އެ ޕްރޮޖެކްޓުތަކުގައި ސޮއިކޮށް ފައިސާ ދޫކުރިތާ އަހަރެން ވެގެންދިޔައިރު ގާބުރިއެއް ނުބޭއްވުނުއިރު، އެ ފައިސާ ވީތަނެއް ވެސް ނޭނގެ އެވެ. އެހެންވެ، އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑެވެ.
ގައުމީ ސަލާމަތުގެ ނަމުގައި 560 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްއެންޑީއެފްއަށް 3 ޑްރޯން ހޯދި އެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން އެ ޑްރޯންތަކުގެ ބައެއް ބައިތައް ތުރުކީ ސަރުކާރުން ހިލޭ ވެސް ދީފައިވެ އެވެ.
އެންމެ ތިން ޑްރޯން އަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްލުމުން އެ މުއާމަލާތުގައި ވައްކަމާއި ހިޔާނާތް އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ.
ސަބަބަކީ ތުރުކީން އެހެން ގައުމުތަކަށް ޑްރޯން ވިއްކާފައިވާ އަގުތަކަށް ވުރެ ރާއްޖެއިން ޑްރޯން ގަތް އަގު އެތައް ގުނައެއް ބޮޑުވުމެވެ.
"ގައުމީ ސަލާމަތުގެ ބިރުގައި" ވައްކަމުގެ ތުހުމަތަށް ވަރިހަމަކޮށްލުމުގެ ނަތީޖާ މިހާރު އިތުރަށް ފެންނަން ފަށައިފި އެވެ. މިސައިލްތައް ގެންނަކަމުގެ އަޑު ގަދަވެއްޖެ އެވެ. ސަލާމަތީ ބޭނުމަށް ތަކެތި ގަތުމަށް 15 މިލިއަން ޑޮލަރު ހޯދަން ރަށްތަކާއި ފަޅުތައް ދޫކޮށްލަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަހަކު މަދުވެގެން ބައިލައްކަ ރުފިޔާ ދޭކަމަށް، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ވިދާޅުވެފައިވެ އެވެ. ރައީސް މުއިއްޒުގެ ފަރާތުން ދޭ އެ ފައިސާ ހޯދާ ގޮތެއް އެނގެން ނެތެވެ. އެއީ ޕީއެންސީން ދޫކުރާ ފައިސާއެއް ނަމަ ޕާޓީގެ އޮޑިޓު ރިޕޯޓު ހާމަކުރުމުން އެނގޭނެ އެވެ.
ސިޔާސީ ހަރަކާތް ހިންގަން ލިބޭ ފައިސާގެ ސާފުކަމާއި ހާމަކަން އެނގެންޖެހޭ ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކަށް ރައީސް މުއިއްޒު ވާނެ އެވެ. އެއީ ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގާފައިވާ ގޮތުންނެވެ.
ރައީސް މުއިއްޒުގެ އަމިއްލަގެ، ދިމްޔާތުގައި މަސައްކަތް ކުރާ އެ މަނިކުފާނުގެ ތިމާގެ ބޭފުޅަކު، ކުއްލިއަކަށް އަގުބޮޑު ޓީވީ ސްޓޭޝަނެއް ހެދުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ. މީޑިއާ ހިންގުމުގައި އުޅެފައިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުން އެ ސްޓޭޝަން ހިންގުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ވާނެ އެވެ.
ދުވަހަކު މިފަދަ ވިޔަފާރިއެއް ކޮށްފައި ނެތް މީހަކު، ކުއްލިއަކަށް ބޮޑު އިންވެސްޓުމަންޓެއް މިކޮށްލީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ. އަގުބޮޑު ސްޓޭޝަނެއް އެ ހިންގަނީ ރައީސް މުއިއްޒު ޕްރޮމޯޓުކުރުމަށެވެ. މި ކަމުގެ ފަހަތުގައި އޮތީ ކޮން ފައިސާއެއްތޯ ސުވާލު ކޮށްލާނެ ހިތްވަރެއް ހުރި ވެރިޔަކު ނެތެވެ.
ސާފު ސަރުކާރެއް ހިންގުމުގެ ނިޔަތް އޮތްނަމަ، ހިޔާނާތުގެ ރެކޯޑު އޮތް މެލޭޝިއާގެ ބެސްޓިނެޓަށް އެކްސްޕެޓު ސިސްޓަމެއް ނުދޭނެ އެވެ. ސަބަބުތަކުގެ ތަފުސީލު މީޑިއާގެ ލިޔުންތަކުން އަހަރެންނަށް ވެސް ފެނިފައި އޮތުމުން، މި ލިޔުމުގައި އެ ކަންކަމަށް ދިޔުމުގެ ބޭނުމެއް ނެތެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ދައްކާފައިވާ ވާހަކަތައް ފުރާނާލާއިރު، ފައިދާ ބޮޑުގޮތަކީ ބެސްޓިނެޓަށް ބަދަލެއް ދޭންޖެހިއްޖެ ނަމަ ދިނުމެވެ. އޭރުން ދާއިމަށް ލިބޭ ގެއްލުން ކުޑަވާނެވެ އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި، ދައުލަތަށް ގެއްލުންވާ ގޮތަށް މި މަޝްރޫއު ހިންގާއިރު، ބަލައިލާނެ ލޮލެއް ނެތެވެ.
ދެން މިއޮތީ ކުރީގެ ވާހަކަތަކެވެ. މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު ތުރާލަކަށް ވެފައިވާ މަގުތައް ވިއްކާލި މައްސަލަ އެވެ. އެ މުއާމަލާތްތަކުން ޖީބަށް ބޯކޮށް ފައިސާ ވެއްދިކަމުގެ އަޑުތައް އަދިވެސް ގަދަ އެވެ. ނަމަވެސް ފުލުހުންނަށް ނީވެ އެވެ. އޭސީސީއަކަށް ނީވެ އެވެ.
ރައީސް މުއިއްޒު މޭޔަރަކަށް ހުންނަވައިގެން ހިންގި ގަސް ޕްރޮގްރާމަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ. މިވަރުގެ ބޮޑު ހަރަދެއް ކޮށްލިއިރު، ވައްކަން ހުއްޓުވުމަށާއި ބެލުމަށް ގާނޫނީ ޒިންމާ އޮތް ފަރާތްތަކުގެ ހިތަށް ޒައްރެއްގެ މިންވަރުގެ އަސަރެއް ވެސް ނުކުރަނީތޯ އެވެ؟
މިއީ ފައިސާއިން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމުގެ ކޮންމެވެސް މިންވަރެކެވެ. މި ލިސްޓު ނިންމާލާނީ ހިޔާ ފްލެޓުތަކުގެ ލިފްޓުންނެވެ. އެ މަޝްރޫއަށް 18 މިލިއަން ޑޮލަރު ހަރަދުކޮށްލިއިރު، ތަޖުރިބާކާރުން ބުނާ ގޮތުން 32 ލިފްޓު ހަރުކުރަން ފަސް ވަރަކަށް މިލިއަން ޑޮލަރު ވެސް ހަރަދު ނުވާނެ އެވެ.
ނަމަވެސް އެކަން ވެސް ފެންނަ މުއައްސަސާއެއް، ވެރިޔެއް ނެތެވެ.
ރައީސް މުއިއްޒު ޒީރޯ ޓޮލަރެންސް ހުރި ނަމަ، އަދި ފުލުހުންނާއި އޭސީސީ ހެޔޮ ނިޔަތެއް އޮވެގެން، ވައްކަމާއި ހިޔާނާތް ހުއްޓުވަން ބޭނުންނަމަ، މިއީ ބެލޭނެ ބައެއް މައްސަލަތަކެވެ. ލިސްޓު ދިގު ނުކޮށް ދެން މި ނިންމާލަނީ އެވެ.
---
މި ލިޔުން ފޮނުވި ފަރާތުން އެދިފައި ވަނީ "ފުރަބަދުރުވަ" ނަމުގައި ޝާއިއުކޮށް ދިނުމަށެވެ.
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment