21 މާރިޗު 2025 - 08:51 2
ރޫޙުލްއަމީން ޢަބްދުﷲ
21 މާރިޗު 2025 - 08:51 2
"އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ ޤުރުއާން އުނގަންނައިދެއްވި އެވެ. އެކަލާނގެ އިންސާނާ ހެއްދެވި އެވެ. އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވި އެވެ." މިއީ އައްރަޙްމާން ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގެ ދިވެހި ތަރުޖަމާ އެވެ. އެ ސޫރަތަށް ކިޔަނީ ވެސް އައްރަޙްމާން އެވެ. މިއީ ﷲ ގެ އިސްމުފުޅެކެވެ. މާނައަކީ އޯގާވަންތަ ކަލާނގެއެވެ. ފުރަތަމަ އާޔަތުގައި އެކަލާނގެ އޯގާވަންތަކަން ބަޔާންކުރައްވަމުން އެކަމުގެ ހެކިތަކެއްގެ ގޮތުގައި އެ ސޫރަތުގައި އެ އަންގަވަނީއެވެ.
އިންސާނުންނަށް ޤުރުއާން އުގަންނައިދެއްވިކަން އެއީ އެކަލާނގެ އޯގާވަންތަކަމުގެ ތެރެއިން ދެއްވި ކަމެކެވެ. ޝައްކެތް ނެތެވެ. އިންސާނުން އުޅެންވީ ގޮތާއި ދެ ދުނިޔޭގެ ކާމިޔާބަށް ވާސިލުވުމުގެ މަގު އަންގަވާފައިވާ ޤުރުއާން އިންސާނުންނަށް އުގަންނަވައިދެއްވުމަކީ ކަލާނގެ އޯގާވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. ހަމަ މިއާޔަތްތަކުގައި މާތް ﷲ ސިފަކުރައްވާފައިވާ ގޮތުގައި، އިންސާނާ ހެއްދެވި ހެއްދެވުމަކީ ވެސް އެފަދަ އޯގާވެރިކަމެކެވެ. އަދި އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވި ދެއްވުމަކީ ވެސް އެފަދަ އޯގާވެރިކަމެކެވެ.
އިންސާނާ ހެއްދެވި ހެއްދެވުމާއި ޤުރުއާން އުގަންނައިދެއްވި ދެއްވުމާއި އިންސާނާއަށް ބަސްމޮށުންތެރިކަން ދެއްވި ދެއްވުން މިއާޔަތްތަކުގައި ކައިރިކައިރިން ގެންނަވައި އެއީ ކަލާނގެ އޯގާވަންތަކަންކަމުގައި އަންގަވައި، އޯގާވަންތަ ކަލާނގެ ނަންފުޅުން މި ސޫރަތް ފައްޓަވާފައި އޮތް އޮތުމަކީ ވިސްނާ ފިކުރު ހިންގާލަން ޖެހޭ ކަމެކެވެ. އަޅުގަނޑުވެސް މި ވިސްނަނީއެވެ. މި ލިޔުން ކިޔާ މީހަކު ވެސް އެކަމާ ނިކަން ފިކުރެއް ހިންގާލަދިނުން އެދެމެވެ.
އެއަށްފަހު އަލްބަލަދު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތަށް ވެސް ބައްލަވާށެވެ! "ތިމަންކަލާނގެ އޭނާޔަށް، ދެލޮލެއް ނުލަންވަން ހެއްޔެވެ؟ އަދި ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟" މިއާޔަތްތަކުގައި ސުވާލުގެ އިބާރާތުން އިންސާނާއަށް ދެލޯ ނުދެންވަންތޯ އާއި ދުލަކާއި ދެ ތުންފަތް ނުދެއްވަންތޯ މާތް ﷲ ސުވާލުގެ ބަސްވަހީ ކުރައްވާފައި ވަނީ ވެސް ވިސްނާ ފިކުރުކުރުމަށެވެ. ފެންނާންޖެހޭ މަންޒަރު ނުފެންނަ ނަމަ، ދައްކަންޖެހޭ ވާހަކަތައް ނުދައްކާނަމަ މި ސުވާލު ކޮންމެ އިންސާނަކަށް ރައްދުނުކުރެވޭނެ ހެއްޔެވެ؟
ޤުރުއާނުގައި ގަލަމުގެ ނަމުން ނަންދެވިފައިވާ ސޫރަތެއް ވެސް އެބަ އޮތެވެ. އެ ސޫރަތުގެ ފެށޭ އާޔަތްތަކުގައި ވަނީ މިފަދައިންނެވެ. "ن. (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ). ގަލަމާއި އަދި އެމީހުން އަޅާ ފޮޅުވަތްތައް ގަންދެއްވައި ވަހީ ކުރައްވަމެވެ." ޤުރުއާނުގައި އެއްޗެއް ނުވަތަ ކަމެއް ނުވަތަ ތަނެއް ގަންދެއްވައި މާތް ﷲ ބަސްވަހީކުރައްވަނީ އެކަމެއް ނުވަތަ އެއެއްޗެއް ނުވަތަ ތަނެއްގެ ހާއްސަކަން އަހަރެމެން އިންސާނުންނަށް އެންގެވުމަށްޓަކައެވެ. ތިމާގެ ގަލަމާއި އެ ގަލަމުން ލިޔާ ތަކެތި އެއީ މާތް ﷲ ބައްލަވާ ވޮޑިގެންވާ އެއްޗަކަށްވާ ފަދައިން އެ ގަލަމުން ލިޔަން ޖެހި، ނުލިޔެ ސިއްރުކުރިހާ ތަކެއްޗެއް އެކަމުން ނުކުތްހާ ފަސާދައެއް ވެސް އެއީ ގަލަމުގެ އަހުލުވެރިން މާދަމާ ޤިޔާމަތް ދުވަހުގައި ޖަވާބުދާރީވާންޖެހޭނެ ކަންކަމެވެ.
އަދި ދަންނާށެވެ! ޤުރުއާނުގައި އައިސްފައިވާ ގަލަމަކީ އެއީ، މެދަށް ދެއްޔެއް ލައްވާފައި ވަކި ބައްޓަމަކަށް އޮންނަ އެއްޗަކަށް ކިޔޭ ނަމެއްގެ ގޮތުގައި އޮތް އެއްޗެއް ނޫނެވެ. ގަލަމުގެ މާނައަކީ ލިޔުމަށް ގެންގުޅެވޭ ވަސީލަތެވެ. އެއީ ޓައިޕްރޭޓަރު ކަމަށް ވިޔަސް ނުވަތަ ކޮމްޕިއުޓަރު ކަމަށް ވިޔަސް އެހުރިހާ އެއްޗެއް ގަލަމުގެ މާނައިގެ ތެރޭގައި ޝާމިލްވެގެންވާކަމަށް ތަފްސީރު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުމެއް ނެތެވެ.
ސައްހަ ސަނަދުން ރިވާވެގެން އައިސްފައިވެއެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "އެންމެ މާތް ޖިހާދަކީ، އަނިޔާވެރި ވެރިއެއްގެ އަރިހުގައި ބުނެވޭ ހައްގު ބަހެވެ." އެހެން ހަދީސް ބަސްފުޅެއްގައި އައިސްފައިވެއެވެ. "މުޝްރިކުންނާ ދެކޮޅަށް ތިޔަބައިމީހުން މުދަލުންނާއި ނަފުސުތަކުންނާއި ދޫތަކުން ޖިހާދުކުރާށެވެ!" މި ދެ ހަދީސުން އެނގޭ ގޮތުގައި މުޝްރިކުންނާ ދެކޮޅަށް ކުރެވޭ ޖިހާދަކީ ވެސް ހަމައެކަނި ހަނގުރާމަކުރުމެއް ނޫނެވެ. ދުލުން ބަސް ބުނެގެންވެސް މުޝްރިކުންނާ ދެކޮޅަށް ޖިހާދުކުރެވެއެވެ. ހަމަ މިފަދައިން ޖިހާދަކަށް ވަނީ ކޮންމެހެން މުޝްރިކުންނާ ދެކޮޅަށް ކުރީމައެއް ނޫނެވެ. މުސްލިމަކާ ދެކޮޅަށް ވެސް ޙައްޤު ބަސް ބުނާން ޖެހިއްޖެ ތަނަކު ޙައްޤު ފާޅުކުރުމަކީ އެންމެ މަތިވެރިވެގެންވާ ޖިހާދުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.
އާދޭހެވެ! މި ލިޔުމުގައި އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު މި މަސައްކަތްކުރަނީ ދުލުންނާއި ގަލަމުން ޖިހާދުކުރުމަށް އިސްލާމްދީން ބާރުއަޅާފައިވާ މިންވަރުގެ މައްޗަށެވެ. ޝައްކެތް ނެތް ގޮތުގައި އިންސާނާއަށް އޭނާގެ ދުލާއި ގަލަމުގެ ވާޖިބު އަދާކުރުން އިސްވެ ދިޔަ އާޔަތްތަކާއި ހަދީސްތަކުން އެވަނީ ނިކަން ރަނގަޅަށް އިސްލާމްދީނުގައި ޒިންމާއެއްކަމުގައި ކަނޑައަޅުއްވާފައެވެ. އަދި އެއީ މުސްލިމަކަށްވިޔަތީ އޭނާ ކުރަންޖެހޭ ޖިހާދުގެ ގޮތުގައި ހިމެނިފައި އޮތް ކަމެއްވެސްމެއެވެ.
މިކަން މިގޮތަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާހިނދު، އިސްލާމީ ވެރިކަމެއްގައި އެ ވެރިކަމުގެ ޒިންމާއަކަށް ވާންޖެހޭނީ، ދުލާއި ގަލަމުން ޖިހާދުކުރުމުގެ ގޮތްތަކާއި މަގުތައް ކުރިއެރުވުމެވެ. އަދި އެކަމަށް ހިތްވަރުދިނުމެވެ. އަދި ހަމަ އެހެންމެ ދުލާއި ގަލަމުގެ ޖިހާދުގެ ނަމުގައި އެކަން ގޯސްކޮށް ކުރާ ފަރާތްތައް ހަމަ މަގަށް އަޅުވައި، ގިއުގަނޑަށް ފެއްތުމުގެ މަތިވެރި ޒިންމާއަދާކުރުމެވެ.
އެކަން އެހެން ކުރަންޖެހެނީ ވެރިންގެ ހައްގުތައް ވެސް ހިމާޔަތް ވަނީ އެގޮތުން ކަމަށްވާތީއެވެ. ވަރަށް ގިނަ އިސްލާމީ ވެރިކަންތަކުގައި، ވަލިއްޔުލްއަމުރަށް ނޭނގި ވެރިކަމުގެ ތެރޭގައި ވައްކަމާއި ފަސާދަ ދަށަށް ތިބޭ މީހުން ހިންގަމުން ގެންދެއެވެ. ގަލަމާއި ދުލުން ޖިހާދުކުރަމުންދާ ފަރާތްތައް އެވާހަކަތައް އާންމުންނާ ހަމައަށް ތިލަކުރުމަށް ފަސްޖެހޭ ގޮތް ވެއްޖެނަމަ، އެކަމުން ހަޑިވަނީ ޚުދު ވަލިއްޔުލްއަމްރުގެ ނަންފުޅެވެ. މިބާވަތުގެ ކަންކަމުން އިސްލާމީ ވެރިކަންތަކުގެ އެންމެ އިސްކޮށް ހުންނަ ވެރި މީހާގެ ނަން ކިލަނބުވިޔަ ނުދިނުމަށްޓަކައި ވެސް ދުލާއި ގަލަމުގެ ޖިހާދު އެއީ ހިތްވަރު ދެވެން ޖެހޭ ކަންކަމެވެ.
މީގެ ބަދަލުގައި ދުލާއި ގަލަމުގެ ޖިހާދަށް ހުރަސްއެޅި، ނޫސްވެރިކަން ބަންދުކުރެވެން ވެއްޖެނަމަ، އެކަމަކީ އިސްލާމްދީނާ ބީރަށްޓެހި ގޮތެކެވެ. އަދި އެކަން އެހެން ހިނގާނަމަ، އެކަމާ ދެކޮޅަށް ބަސް ބުނުމާއި އަޑު އުފުލުމާއި ލިޔުމަކީ، އެއީ މަތިވެރި ޖިހާދެވެ. އެކަމަކު ދަންނާށެވެ. ދޮގު ހެދުމާއި ދޮގު ފެތުރުމާއި، މިހުންނަނީ އިސްލާމްދީނާ ދިމާ އިދިކީލި ކަންކަމެވެ. އަދި އެއީ ކަނޑައެޅިގެން ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންގެ އަމަލެއްކަމުގައި ކީރިތި ޤުރުއާނުގައި އައިސްފައިވާހިނދު، ދުލާ ގަލަމުގެ ޖިހާދުކުރަންވާނީ، ދޮގުތަކާއި ހީތަކުން އެއްކިބާވެ ތިބެ ޒިންމާދާރުކަމާއެކުގައެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ތަފްސީލް
2 days ago
އަދަދު އޮންލައިންގެ ފުރިހަމަ ދިރާސާއެއް ހަދާފިއްޔާ ފެންނާން އޮންނާނެ އެއް ހަގީގަތަކީ، ސުރުހީ ލިޔުމުގަ ވެސް، ލިޔުންތައް ގެނެސްދިނުމުގައި ވެސް ހަގީގަތަށްވުރެ ބޮޑަށް، ރައްޔިތުން ކަންބޮޑުވާގޮތަށް ލިޔުންތައް ގެނެސްދީފަ ހުންނަކަން، ވެރިކަން ބަދަލުވާއިރަށް ކޮންޓެންޓަށް ބޮޑު ބަދަލެއް އަންނަކަން، އެހެންވީމަ މިނިވަން ނޫސްވެރިކަމެކޭ ބުނެވޭނެބާ،
މުލޭ
2 days ago
ގަލަމުން ކުރާ ފަސާދައަކީ ވެސް ބިމުގައި ހިންގޭ ފަސާދައެކެވެ. ތޯތޯ ވާހަކައިގެ ތެރެއަށް އަމިއްލައަށް ކަންކަން އިތުރުކޮށްގެން ލިޔުމާއި، ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަ ލިޔުމާއި، ކޮންމެ ވެސް ވަރަކަށް ތެދު އެކުލެވޭ ވާހަކައެއް މީސްތަކުންނަށް އޮޅޭގޮތަށް ގަސްތުގައި ލިޔެ ފެތުރައި މަސްލަޙަތު ނަގާލަން މަސައްކަތް ކުރުމަކީ ވެސް ފަސާދަކުރުމުގެ ތެރެއިން ވާ ކަންކަން. އެކަންކަމަށް ވެސް ޙައްގުވާ އަދަބު ދޭންޖެހޭނެއެވެ. އެކަމާ ދެކޮޅު ހަދަނީ ކީއްވެހެއްޔެވެ.
Comment