އެމްއައިބީން ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ

20 މާރިޗު 2025 - 14:40 0

ލީވާން އަލީ ނާސިރު

ލ


އެމްއައިބީން ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ

20 މާރިޗު 2025 - 14:40 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާގެ ފައިދާ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެމްއައިބީން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅަން ނިންމީ ހިއްސާއަކަށް 4.58ރ. ކަމަށާއި އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސަންޓުގެ އިތުރުވުމެއް ކަމަށެވެ.

ހިއްސާގެ ފައިދާ ބެހުމަށް ހުށަހަޅާ ގޮތް:

• ހިއްސާގެ ފައިދާގެ 50 ޕަސަންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުން.

• ހިއްސާގެ ފައިދާގެ 50 ޕަސަންޓު ބޯނަސް ހިއްސާ ދިނުން.

ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރުމަށް ހުށަހަޅާފައިވަނީ 35ރ. ގެ ރޭޓުންނެވެ. މިގޮތުން، އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގެ "ރިކޯޑު ތާރީހާ" ހަމައަށް އެބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާއާއި ބޯނަސް ހިއްސާ ލިބޭނެކަމަށް އެބޭންކުން ބުންޏެވެ.

ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު ބާއްވާ އެބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އެ ޖަލްސާގެ ނޯޓިސްއާއި އިތުރު މައުލޫމާތު އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހާމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު އެމްއައިބީން ވަނީ އާ ސާވިސް ސެންޓަރުތަކާއި، ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެމްއައިބީއަށް ބައިނަލްއަގްވާމީ ތިން އެވޯޑެއް ވެސް ލިބުނެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.