Advertisement

"އަދަދު" ނޫހުގެ ނަމުގައި ހުށަހަޅާ އާރުޓީއައި ތަކަށް ޖަވާބު ނުދޭން ރައީސް އޮފީހުން ނިންމައިފި

20 މާރިޗު 2025 - 16:54 6

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : "އަދަދު" ނޫހުގެ ނަމުގައި ހުށަހަޅާ އާރުޓީއައި ތަކަށް ޖަވާބު ނުދޭން ރައީސް އޮފީހުން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް


"އަދަދު" ނޫހުގެ ނަމުގައި ހުށަހަޅާ އާރުޓީއައި ތަކަށް ޖަވާބު ނުދޭން ރައީސް އޮފީހުން ނިންމައިފި

20 މާރިޗު 2025 - 16:54 6

އަދަދު ނޫހަކީ ގާނޫނީ ޝަހުސެއް ކަމަށް ބެލެވެން ނެތް ކަމަށް ބުނެ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އަދަދުގެ ނަމުގައި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުދޭން ރައީސް އޮފީހުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު ފޮނުވި މެއިލްއެއްގައި ބުނީ އަދަދު ނޫސް ނުވަތަ އަދަދު އޮންލައިން އަކީ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަމެއް ކަމަށެވެ. އޮންލައިން ނޫހެއްގެ ގޮތުގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ނަމަވެސް ގާނޫނީ ޝަހުސަކީ ކުންފުނި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ އޮފީހުން މިފަދައިން މެއިލް ކުރީ އަދަދު ނޫހަކީ ގާނޫނީ ޝަހުސެއް ކަން ސާބިތުކޮށްދިނުމަށް ލިޔެކިޔުން ހުށަހެޅުމަށް އެދުމުން މި ނޫހުން ފޮނުވި ލިޔެކިޔުންތަކަށް ދިން ޖަވާބެއްގަ އެވެ. މި ނޫހުން ވާނީ ނޫސް މަޖައްލާ ހިންގުމުގެ ރަޖިސްޓްރީގެ އިތުރުން ކުންފުނީގެ ރެޖިސްޓްރޭޝަން އާއި އެހެނިހެން ލިޔުންތައްވެސް ރައީސް އޮފީހާ ހިއްސާކޮށްފަ އެވެ.

އަދަދު ނޫހުން ހުށަހަޅާ ރިކުއެސްޓުތަކަށް ޖަވާބުދިނުން ގާނޫނީ ގޮތުން ލާޒިމުނުވާ ކަމަށް ރައީސް އޮފީހުން ފުރަތަމަ ބުނީ ޖެނުއަރީ މަހު އެވެ.

ރައީސް އޮފީހުގެ ފަރާތުން އެ ނިންމުން ހާމަކުރެއްވީ އޮކްޓޯބަރު، 2024، ގައި ހުށަހެޅި އާރުޓީއައި އަކަށް ޖަވާބު ނުދޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޖެނުއަރީ 16، ބޭއްވި އަޑުއެހުމެއްގައި ރައީސް އޮފީހުގެ ފަރާތުން ބައިވެރިވި، ލީގަލް އޮފިސަރު ޖުވެއިދާ އެވެ.

އެކަން މި ނޫހަށް އެންގިތޯ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެހުމުން، ރައީސް އޮފީހުގެ އޮފިޝަލުން ވަނީ މިހާތަނަށް އެކަން އަންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.

އެ އަޑުއެހުމުގައި މި ނޫހުން ވާނީ މީގެކުރިން ވެސް އަދި މި ހުށަހެޅުމަށްފަހު ވެސް ރައީސް އޮފީހުން މި ނޫހުގެ ނަމުގައި ހުށަހެޅި އެކި އާރުޓީއައި ތަކަށް ޖަވާބުދީފައިވާ ކަން ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، މައުލޫމާތު ހޯދަން އެދޭ ފަރާތަކުން ގާނޫނުގައި ބުނާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާނަމަ އެ ފަރާތަކަށް މައުލޫމާތު ނުދޭން ނިންމޭނީ އުނިވާ މައުލޫމާތެއް ދިނުމަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

"އަދަދު އޮންލައިން އިން ހުށަހެޅި ހުށަހެޅުމުގައި އެ ފަރާތާ ގުޅޭނެ ނަމްބަރަކާއި އެ ފަރާތުގެ އެޑްރެހާއި ހުރިކަމުގައި ވަންޏާ ގާނޫނުގަ ބުނާ މިންވަރަށް މިއޮތީ މައުލޫމާތު ފޯރުކޮށްދެވިފަ ކަމަށް ބެލެވޭނެ،" އާހިދު ވިދާޅުވި އެވެ.

"އެކަމުގަ އަމަލުކުރަން ޖެހޭނެ ގޮތަކީ އަދަދު އޮންލައިންއާ ގުޅޭނެ ގޮތެއް އަދި އަދަދު އޮންލައިން އަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް އެނގެން އޮތް ކަމަށް ވަންޏާ އެ މައުލޫމާތެއް ފޯރުކޮށްދެއްވަން ވާނެ،" އޭނާ ވިދާޅުވި އެވެ.

އަދަދުއިން ވާނީ ގާނޫނުގައި ބުނާ ހުރިހާ މައުލޫމާތެއް މަހޯލި ޕޯޓަލް ގައި ފޯރުކޮށްދީފަ އެވެ. ރައީސް އޮފީހުން އެކަމާ ގުޅިގެން ސުވާލު އުފައްދާފައެއް ވެސް ނުވެ އެވެ.

މި މައްސަލާގައި ރައީސް އޮފީހުން ވަނީ އައިކޮމްގެ ރައުޔަކަށް ވެސް އެދިފަ އެވެ. މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަހެއް ނެތް ކަމަށް ބުނެ އައިކޮމް އިން ރައީސް އޮފީހަށް ޖަވާބެއް ދީފައިވާނެ ކަމަށް އާހިދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

އައިކޮމްގެ އަޑުއެހުން ނިންމާލީ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރައީސް އޮފީހުން މި ނޫހަށް ހުށަހެޅުމުގައި އެދިފައިވާ ޖަވާބު ދޭން އެންގުމަށްފަހު އެވެ. މި ނިންމުމާ ގުޅިގެން މިހާތަނަށް ރައީސް އޮފީހުން މި ނޫހާ އެއްވެސް ވަރަކަށް މުއާމަލާތް ކޮށްފައެއް ނުވެ އެވެ.