20 މާރިޗު 2025 - 08:14 0
ލީވާން އަލީ ނާސިރު
ނިއުޒިލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސޮން (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) -- ފޮޓޯ: ގެޓީ
20 މާރިޗު 2025 - 08:14 0
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިންޑިއާ އާއި ނިއުޒިލެންޑާއި ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް އެކުލަވާލެވެނެ ކަމަށް ނިއުޒިލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސޮން ވިދާޅުވެއްޖެ އެވެ.
ލަކްސޮން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ވިދާޅުވީ އެތައް އަހަރެއް ވަންދެން މެދުކެނޑިފައި އޮތް ވިޔަފާރީގެ މަޝްވަރާތައް އަލުން ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މޯދީއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރައްވަން ބޭނުންވާ ކަމަށެވެ.
އިންޑިއާއިން އެކި ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރުމުގެ މަސައްކަތް ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާ އިން އެމެރިކާއަށް އެތެރެކުރާ މުދަލުން ވެސް ޓެރިފް ނެގުމަށް އަދި ނަގާ ޓެރިފްތައް ބޮޑުކުރުމަށް ނިންމުމާއެކު އެވެ.
އެމެރިކާގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ދަނީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދާއެކު ވެސް ފްރީ ޓްރޭޑް އެގްރިމެންޓް އެކުލަވާލުވުމުގެ މަޝްވަރާކުރަމުންނެވެ.
ނިއުޒިލެންޑާ އެކު އިންޑިއާ އިން ކުރާ ވިޔަފާރި އަހަރަކަށްވުރެ އަހަރެއް 30 ޕަސަންޓު ވަނީ އިތުރުވެފަ އެވެ. އަދި ވިޔަފާރީގެ އަގު މިހާރު 1.2 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެކުލަވާލުމަށް އުޅޭ ފްރީ ޓްރޭޑް އެގްރިމެންޓާ އެކު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ އަދަދު 10 ގުނަ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް އިންޑިއާގެ ވިޔަފާރި އާއި ބެހޭ ވަޒީރު ޕިޔުޝް ގޯޔާލް ވިދާޅުވި އެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރައްވަން ބޭނުންފުޅު ވާކަމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ވިދާޅުވި ނަމަވެސް، ދެ ގައުމަށް އެއްބަސްވުމަކަށް ނާދެވޭ ބައެއް މައްސަލަތަކާއެކު ފްރީ ޓްރޭޑް އެގްރިމެންޓްގައި ސޮއިކުރުން އެއަށްވުރެ ލަސްވެދާނެކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.
ހާއްސަކޮށް ދަނޑުވެރިކަމާއި ކިރުގެ ބާވަތްތަކާއި ގުޅިފައިވާ ހިދުމަތްތަކާއި މުދަލުން ނަގާ ޓެރިފް ކުޑަކުރުމަށް އިންޑިއާއިން ދެކޮޅު ހަދާ މައްސަލައިގައި މަޝްވަރާތައް ދިގުލައިގެން ހިނގައިދިޔުމުގެ ބިރު އެބައޮތެވެ.
އިންޑިއާގެ ވިޔަފާރި އާއި ބެހޭ ވަޒީރު ގޯޔާލް ވިދާޅުވީ ދެ ގައުމުން ވެސް މަޝްވަރާތަކުގައި އެއް ގައުމު އަނެއް ގައުމުން ބޭނުންވާ މިފަދަ ކަންކަމަށް ވިސްނާ ރިއާޔަތް ކުރާނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment