މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ބައެއްގެ އަތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ އާއި މުދާ ދައުލަތަށް ނަގައިދޭން އެދިއްޖެ

19 މާރިޗު 2025 - 17:03 0

މުހައްމަދު ޝަހްޒާން

މ

ފުވައްމުލައް ސިޓީގެ މަތިން ފެންނަ ފޮޓޯއެއް: ދައުލަތުން ދައުވާ އުފުލާފައި ވަނީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ކަމަށް ތުހުމަތުވާ ދެ މީހުންގެ މައްޗަށް -- ފޮޓޯ: އަދަދު ފައިލް


މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ބައެއްގެ އަތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ އާއި މުދާ ދައުލަތަށް ނަގައިދޭން އެދިއްޖެ

19 މާރިޗު 2025 - 17:03 0

ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހެއްގެ އަތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ އާއި އެ މީހުންގެ މިލްކިއްޔާތުގައި ހުރި ގިނަ އަދަދެއްގެ މުދާ ދައުލަތަށް ނަގައިދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައި އެ ނެޓްވޯކުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ޕީޖީ އޮފީހުން ދައުވާ ކުރަނީ ހަސަން އާޒިމް، ޒަމާނީގެ، ދޫޑިގަން، ފުވައްމުލަކާއި އަހުމަދު ނިއުޝާދު، ކަރަންކާވިލާ، ދޫޑިގަން، ފުވައްމުލަކު އަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާގައި ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އެ ދެ މީހުންނަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސް ދެ ވެރިން ކަމަށް ފުލުހުންނާ ހަވާލާ ދީ ޕީޖީ އޮފީހުން ބުންޏެވެ.

ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅި ދައުވާގައި ދައުލަތަށް ނަގައިދިނުމަށް އެދިފައި ވަނީ އެ ދެމީހުންގެ މިލްކިއްޔާތުގައި ހުރި:

  • ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކުގައި ބަހައްޓާފައިވާ 1.1 މިލިއަން ރުފިޔާ
  • ފަސް ކާރު
  • ހަތަރު ސައިކަލު
  • ދެ ޕިކަޕު
  • އެއް ކަނޑު އުޅަނދު
  • 29 ސަންކޮނުއާ ގުރާ
  • ނުވަ ރިންގްނެކް ގުރާ

ޕީޖީ އޮފީހުން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކެއް ހިންގާކަމުގެ ތުހުމަތުގައި އެ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ރަށު ގަސްދޮށުގެ ބަލައި ފާސްކުރިއިރު، އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓުތައް ބަލައި ފާސްކުރިއިރު، ކުދި އަދަދުތަކުން މީހުން ފޮނުވާފައި ހުންނަ ފައިސާ ހަސަން އާޒިމް އާއި އަހުމަދު ނިއުޝާދުގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެހެންކަމުން، އެ މައްސަލަ އިތުރަށް ތަހުގީގު ކުރިއިރު، އާޒިމް އިސްވެ ހުރެ އަހުމަދު ނިއުޝާދު އާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި އެކި މިންވަރަށް މަސްތުވާތަކެތި ބަންދުކޮށް މަގުމައްޗަށް ނެރުމުގައި ހަރަކާތްތެރިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ޑީލަރުންނަށް މުސާރަ ދީގެން ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން އެ ދެމީހުން ފައިސާ ހޯދާފައިވާ ކަމަށާއި އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން އެ މީހުން ބަލަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ އޯގަސްޓު 1، އާ ހަމައަށް މަސްތުވާތަކެތީގެ ނެޓްވޯކު ހިންގައި އެ ނެޓްވޯކުގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އާޒިމް އައި ނިއުޝާދު، އިރުޝާދު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުން ޖުލައި 1، 2019، އިން އޯގަސްޓު 1، 2024، ގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ އަދި ނިއުޝާދުގެ އެކައުންޓަށް އެ މުއްދަތުގައި 21.8 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.