20 މާރިޗު 2025 - 04:41 2
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
20 މާރިޗު 2025 - 04:41 2
އަވަށްޓެރި އިންޑިއާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ޖެހިޖެހިގެން ދެ ދުވަހު ރާއްޖޭގެ ސަރަހައްދަށް ވަދެ، ރާއްޖެ މަތިން ދުއްވީ އެ ގައުމާ އަސްކަރީ ގޮތުން އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި އޮއްވާކަން އެނގިއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދު މަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ Boeing P-81 Poseidon މަރުކާގެ އުޅަނދެކެވެ. ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންނާއި އެހެން މަސްދަރުތަކުން މި ނޫހުގެ ޓީމުން ހޯދި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެ ބޯޓު ރާއްޖެ މަތިން ދުއްވީ މާޗު 15، އަދި 16، ގަ އެވެ.
އެ ދުވަސްވަރު ރާއްޖޭގައި އޮތީ ޕާކިސްތާނު އަސްކަރިއްޔާގެ މަނަވަރު "ޕީއެންއެސް އަސްލަތު" އެވެ. އެ މަނަވަރު ރާއްޖެ އައީ މި މަހުގެ 13، އިން 16، އަށް ދިވެހި ސިފައިންނާއެކު ކުރިއަށްދިޔަ އަސްކަރީ ތަމްރީނަކަށެވެ.
ޕާކިސްތާނުގެ މަނަވަރު މާލޭގައި ބަނދަރުކުރީ މި މަހު 13، ގަ އެވެ. އެ ދުވަހު ދިވެހި ސިފައިންނާއި ސަރުކާރުގެ ބައެއް އޮފިޝަލުންނަށް ދައުވަތު ދީގެން އެ އުޅަނދުގައި ރޯދަ ވީއްލުމެއްވެސް ބޭއްވި އެވެ.
"ޕީއެންއެސް އަސްލަތު" އަކީ ޕާކިސްތާނު އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި އެންމެ ގާބިލު އެއް މަނަވަރެވެ. 123 މީޓަރު ދިގުމިނުގެ މި މަނަވަރަކީ 2013 އިން ފެށިގެން އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުންކުރަމުންދާ 170 އަށްވުރެ ގިނަ ސިފައިންނާއެކު ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
އެންޓި ޝިޕް އަދި ސާފޭސް-ޓު-އެއާ މިސައިލްތައް ހަރުކޮށްފައި ހުންނަ މި އުޅަނދުން 4،000 މޭލުގެ ދުރުމިނަށް މިސައިލުތައް ފޮނުވާލެވެ އެވެ. ސަބްމެރިންތަކާ ދެކޮޅަށް ހަމަލާދިނުމަށް ސޯނާ، ޓޯޕީޑޯ އަދި ހާއްސަ މިސައިލްތަކެއް މި މަނަވަރުގައި ހުރެ އެވެ.
އިންޑިއާގެ އެންމެ ވާދަވެރި ޗައިނާއާއެކު ޕާކިސްތާނުން ހިންގި ގިނަ އަސްކަރީ ތަމްރީނުތަކެއްގައިވެސް މި މަނަވަރު ބޭނުންކޮށްފައިވެ އެވެ. މަނަވަރު ބަނުމުގައިވެސް ޗައިނާއިން އެހީތެރިވި އެވެ.
ރާއްޖެއަށް ކުރި ދަތުރާ ގުޅިގެން ޕާކިސްތާނުގެ ނޭވީން އެކްސްގައި ކުރި ޕޯސްޓު
ޕާކިސްތާނުގެ ނޭވީގެ ރަސްމީ އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި މި މަނަވަރުން ރާއްޖޭގެ ކޯސްޓުގާޑާއެކު ކުރިއަށް ގެންދިޔައީ 'ރީޖަނަލް މެރިޓައިމް ސެކިއުރިޓީ ޕެޓްރޯލް' ތަމްރީނެކެވެ. މި ތަމްރީނުގައި ދިވެހި ސިފައިން ބޭނުންކުރީ އިންޑިއާއިން ހަދިޔާކޮށްފައިވާ ކޯސްޓުގާޑު އުޅަނދު 'ޝަހީދު އަލީ' އެވެ.
މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މަނަވަރުން ރާއްޖެއަށް ކުރި ދަތުރުގެ ފަހު ދުވަސްތަކުގަ އެވެ. ދެ ގައުމުގެ ސިފައިން ކުރިއަށް ގެންދިޔައީ ޕެސޭޖް އެކްސަސައިޒް އެކެވެ. މި ތަމްރީނުގައި އެއް ގައުމުގެ ސިފައިން އަނެއް ގައުމުގެ އުޅަނދަށް އަރާ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
"ޕީއެންއެސް އަސްލަތު" މާލެ ބޭރުގައި ބަނދަރުކޮށްފައި --- ފޮޓޯ: ޕާކިސްތާނު ހައި ކޮމިޝަން
ޕާކިސްތާނު ނޭވީން އާންމުކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި އަސްލަތު ރާއްޖޭގައި އޮއްވާ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންވެސް މަނަވަރަށް އެރި އެވެ. އެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، ޖަޕާން، ސައުދި އަރަބިއާ، މެލޭޝިއާ، ރަޝިޔާ، ސްރީލަންކާ، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
މީގެއިތުރުން، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަދި ސިފައިންގެ އިސްވެރިން ވަނީ މަނަވަރުގެ އިސްވެރިންނާ ރަސްމީކޮށް ބައްދަލުކުރައްވާފަ އެވެ.
އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.
ގޯއާ ގައި ހުންނަ އިންޑިއާގެ އަސްކަރީ މަރުކަޒު، އައި.އެން.އެސް ހަންސާގައި މަރުކަޒުވެފައި ތިބޭ ޕޮސައިޑަން ބޯޓުތައް ބޭންކުރަނީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދާއި އަރަބި ކަނޑު އަދި އިންޑިއާގެ ހުޅަނގު އައްސޭރީގައި ޖާސޫސް ކުރުމަށް އަދި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށެވެ.
ރާއްޖެ މަތިން ދުއްވި ޖާސޫސީ އުޅަނދުގެ ނަމްބަރަކީ IN329 އެވެ. އިންޑިއާގެ އަސްކަރިއްޔާގައި އޮންނަނީ މީގެ 12 އުޅަނދެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހު މި އުޅަނދުން ކުރި ދަތުރުތައް މި ނޫހުގެ ޓީމުން ވަނީ ޓްރެކް ކޮށްފަ އެވެ. އެ މައުލޫމާތުން ފެންނަ ގޮތުގައި މިއީ މި ބޯޓުން އެ މުއްދަތުގައި ރާއްޖޭގެ ސަރަހައްދާ ކައިރިއަށް އައިސް ރާއްޖެ މަތިން ދުއްވި ފުރަތަމަ ފަހަރެވެ.
ގޯއާ އެއާޕޯޓު އަދި އެ އެއާޕޯޓުގައި ހުންނަ އިންޑިއާގެ އަސްކަރީ މަރުކަޒު އައިއެންއެސް ހަންސާ --- ފޮޓޯ: ގޫގުލް އާތު
ޕާކިސްތާނުގެ މަނަވަރާއެކު ދިވެހި ސިފައިން ތަމްރީނު ކުރަމުންދަނިކޮށް ރާއްޖެ މަތިން މި އުޅަނދު ދުއްވި ދެ ދުވަހުވެސް ދަތުރުފެށީ ގޯއާ ގައި ހުންނަ އިންޑިއާގެ އަސްކަރީ މަރުކަޒު، އައި.އެން.އެސް ހަންސާ އިންނެވެ.
ފުރަތަމަ ދުވަހު އިންޑިއާގެ ޖާސޫސީ އުޅަނދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 40 ވަރަކަށް ކިލޯމީޓަރު ކައިރިން ދަތުރުކުރި އެވެ. އޭރު ބޯޓު ދަތުރުކުރަމުންދިޔައީ 21،500 ފޫޓު މަތިންނެވެ. އެ ބޯޓު މާލެ ކައިރިއަށް އައީ ވ. އަތޮޅު މަތިން ދުއްވުމަށް ފަހުގަ އެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ވެސް ބޯޓު ދުއްވި އެވެ.
މާލެ ކައިރިއަށް އައުމަށްފަހު އެ ބޯޓު ވަނީ އުތުރަށް ދުއްވާ ހއ. އަތޮޅު ބޭރުން ރާއްޖެ ވަށާލާ ރާއްޖޭގެ ހުޅަނގުން ވެސް ދަތުރުކޮށްފަ އެވެ. ޓްރެކް ކުރާ ސައިޓުތަކަށް މި ބޯޓު ގެއްލުނީ އެރޭ އިރުއޮއްސުނު ފަހުން ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުން ދަނިކޮށެވެ.
އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދުން ރާއްޖެ ސަރަހައްދަށް ވަތް ދެ ދުވަހު މާލެއާ އެންމެ ކައިރިއަށް އައި ހިސާބު --- ފޮޓޯ: ފްލައިޓު ރާޑާ
ޖެހިގެން އައި ދުވަހު މި އުޅަނދުން ރާއްޖޭގެ ސަރަހައްދަށް ވަދެ ދުއްވީ ރާއްޖޭގެ އިރުމަތިންނެވެ.
އެ ދުވަހުގެ ދަތުރުގައި އިންޑިއާގެ އުޅަނދު ވަނީ އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް މަރުކަޒުވެފައި ހުންނަ މާފަރު އެއާޕޯޓު ކައިރިން ދަތުރުކޮށްފަ އެވެ. ނ. އަތޮޅުގެ އިރުން ކުރަމުން އައި ދަތުރު އަނބުރާ އެނބުރި ގައުމާ ދިމާލަށް މިސްރާބު ޖެހީ ޅ. އަތޮޅުގެ އިރު ދެކުނު ކަނާ ދިމާ ބޭރުންނެވެ.
މިކަމާ ގުޅޭގޮތުން އަދަދު އިން ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. އެގޮތުން ޑިފެންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބުދެއްވާފައި ނުވާއިރު ފޮރިން މިނިސްޓްރީން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާކިސްތާނާއެކު ކުރިއަށް ގެންދިޔަ ތަމްރީނާ ގުޅޭގޮތުން ދިވެހި ސިފައިން އަދި ސަރުކާރުން މިހާތަނަށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ. ސޯޝަލް މީޑިއާ އަދި ރަސްމީކޮށްވެސް ބުނެފައިވަނީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުންނާއި ނޭވީންނެވެ.
ތަމްރީނުތަކާ ގުޅޭ ހަބަރުތައް ދައުލަތުގެ މީޑިއާ އަދި އަމިއްލަ މީޑިއާތަކުން ގެނެސްދިނީވެސް ޕާކިސްތާނު ހައިކޮމިޝަނުން އާންމުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ނޫހުން ސުވާލުކުރި އިންޑިއާގެ އޮފިޝަލުންވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާގެ ޖާސޫސީ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނީ ދިވެހި ސަރުކާރުގެ ހުއްދަ އޮވެގެން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސަރުކާރުން ނުބުނެ އެވެ. އިންފާރު ހުރަސް ކުރީ ހުއްދަ އޮވެގެންތޯ ނޫންތޯ ހާމަކޮށްދޭނެ ޖެހޭނެ އެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރާނެ ކަމަށް ވައުދުވެ ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ވައުދު ވެސް ނުފުއްދި، އިންޑިއާއާ އޮތް ގުޅުން ދަނީ ވަރުގަދަ ކުރަމުންނެވެ.
20.00%
40.00%
20.00%
20.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ފިސް ތޯ ލަ
7 days ago
ޑިފެންސު މިނިސްޓުރީން ޑުރޯނު ގަނެގެން ވާކަމެއް ހަރާމެއްނު! އަދަދު ނޫސްވެސް މާ ޤާބިލުކަމަށް ފެނޭ ދިވެހިރާއްޖޭގެ ޑިފެންސު މިނިސްޓުރީއަށްވުރެ!
މުލޭ
7 days ago
ޝަހީދު ޢަލީ އަކީ އިންޑިއާ އިން ހަދިޔާކުރި އުޅަނދެކޭ ބުނީ ކާކު؟
Comment