about 11 hours 0
މުހައްމަދު ޝަހްޒާން
އަޒްމިރަލްދާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލު އާއި ޑރ. އަޒްމިރަލްދާ -- ފޮޓޯ: އަހުމަދު އާއިދު / އަދަދު
about 11 hours 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރަލްދާ ޒާހިރު އާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގު ރިޕޯޓުގައި، އެ ކޮމިޝަނަށް ބަޔާން ދެއްވި ގާޒީންގެ ތެރެއިން ގާޒީއަކު ވިދާޅުވި ކަމަށް ބުނެ އެ ރިޕޯޓުގައި ދޮގު ހިމަނާފައިވާ ކަމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
އެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޭއެސްސީގެ ތަހުގީގަށް ލިބިފައިވާ ބަޔާންތަކުގައި ނެތް ވާހަކަތަކެއް ގާޒީއަކު ވިދާޅުވި ކަމަށް ބުނެ ތަހުގީގު ރިޕޯޓުގައި ހިމަނާފައި ވުމަކީ ޖޭއެސްސީން ކުރި ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
"ކޮމެޓީގެ ތަހުގީގަށް ލިބިފައިވާ ބަޔާންތަކުން ފެންނަން އޮތް ގޮތާ ކަނޑައެޅިގެން ހިލާފަށް، އަދި އެ ބަޔާނަށް ހަވާލާދީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެ ކޮމިޓީން ތަހުގީގު ރިޕޯޓުގައި ހިމަނާފައި ވުމަކީ "ކޮމިޝަނުން ނުވަތަ ތަހުގީގު ކުރާ ކޮމިޓީން މައްސަލަތައް ބަލަން ވާނީ އިންސާފުވެރިކަމާއެކު ކޯޓުތަކާއި ފަނޑިޔާރުންނާ މެދު އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގެ އަސާސުގެ މައްޗަށް.." ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުސޫލާ ހިލާފު ކަމެއް ކަމުގައި ދެކެން،" އަޒްމިރަލްދާގެ ވަކީލުންގެ ޓީމުން ބުންޏެވެ.
ގާޒީއަކު ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވާ ދޮގު ވާހަކައަކީ ކޮބައި ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލައިގައި ޖޭއެސްސީއަށް ބަޔާން ދެއްވި އެއްވެސް ގާޒީއަކު އަޒްމިރަލްދާ އެމީހުންނަށް ނުފޫޒު ފޯރުވި ކަމަށް ނުބުނާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ޑިސެމްބަރު 5، 2025 ގައި ބަންދާމެދު ގޮތެއް ނިންމުމަށް ޑރ. އިސްމާއިލް ލަތީފް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި މައްސަލައިގައި ބަންދަ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގެ ކުރިން، އެ އަޑުއެހުން ހިނގަމުން ދިޔައިރު އަދި އެ އަޑުއެހުމުގެ ފަހުން ވެސް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެއްވެސް ކޯޓެއްގެ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަން ކްރިމިނަލް ކޯޓުގެ ގާޒީންގެ ބަޔާންތަކުން ސާފުކޮށް އެނގޭ،" އަޒްމިރަލްދާގެ ވަކީލުންގެ ޓީމުން ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީން ޖޭއެސްސީގެ ތަހުގީގަށް ދިން ބަޔާންތަކުގެ ކޮޕީ، ވަކީލުންގެ ޓީމަށް ލިބިފައިވާއިރު، ޑރ. އަޒްމިރަލްދާ އެ މައްސަލައިގެ ތެރެއަށް ވަދެ ގާޒީންނަށް ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވޭނެ ވަރުގެ ވާހަކައެއް ވެސް އެ ބަޔާންތަކުގައި ނެތް ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment