Advertisement

ފަނޑިޔާރުން މަދުކުރާ ބިލަށް ވޯޓު ދެއްވުމަށް ފަހު, އެ ބިލު ފާސްކުރި ގޮތަށް އަނާރާ ފާޑުކިޔައިފި

17 މާރިޗު 2025 - 12:18 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުރާ ދާއިރާގެ ޕީއެންސީ މެންބަރު، ޑރ. އަނާރާ ނައީމް: އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހިނގަންޖެހޭނީ މިނިވަންކަމާއެކު ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފަނޑިޔާރުން މަދުކުރާ ބިލަށް ވޯޓު ދެއްވުމަށް ފަހު, އެ ބިލު ފާސްކުރި ގޮތަށް އަނާރާ ފާޑުކިޔައިފި

17 މާރިޗު 2025 - 12:18 6

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ހަތަކުން ފަހަކަށް މަދުކުރާ ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިލެއްވުމުން، އެ ބިލު މަޖިލީހުން ފާސްކުރީ އަވަސް އަރުވާލައިގެން ކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު، އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަނާރާ މިހެން ވިދާޅުވިއިރު, އޭނާއަކީ އެ ބިލާ މެދު ކޮމިޓީގެ މަރުހަލާގައި ދެކޮޅު ހެއްދެވުމަށްފަހު, އެ ބިލު ފާސްކުރަން ވޯޓު ދެއްވި މެންބަރެކެވެ. އެކަމާ ފާޑުކިޔުން އަމާޒުވުމުން އޭނާ ވިދާޅުވީ އެއީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ވެގެން ދެއްވި ވޯޓެއް ކަމަށެވެ.

ނަމަވެސް މިއަދު އެ ބިލަށް ބަހުސްކުރައްވަމުން އަނާރާ ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ރައްޔިތުންގެ މަޖިލިސް މިހާރަށް ވުރެ މިނިވަންކޮށް ހިންގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ހަގީގަތުގައި ކޯޓުތަކަކީ ވެސް ވަރަށް މިނިވަންކަމާއެކު ހިނގަންޖެހޭ ތަނަކަށް ވާންޖެހޭ، ހަމަ ރައްޔިތުންގެ މަޖިލިސް ވެސް ވަރަށް މިނިވަންކަމާއެކު ހިނގާ ތަނަކަށް ވާންޖެހޭ، އެއީ އަޅުގަނޑު ގަބޫލު ކުރާ އަޅުގަނޑުގެ އަމިއްލަ ރައުޔަކީ، ދެން ހަމަ އަޅުގަނޑު އުއްމީދު ކުރަން މިފަދަ ކަންކަން ހަމަ ތަކުރާރު ވެގެން ނުދާނެ ކަމަށް،" އަނާރާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަނާރާ ވިދާޅުވީ އެ ބިލު ތަސްދީގު ނުކުރައްވައި ރައީސް ފޮނުއްވައިލެއްވީ ވެސް މަޖިލީހުން އަވަސް އަރުވާލައިގެން އެ ބިލު ފާސްކުރުމުންނެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނީ ވަރަށް އަވަސް އަރުވާލައިގެން އެ ދުވަހު އެ ބިލު ފާސްކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ މި ބިލު އަނބުރާ ފޮނުއްވާލައްވައިފައި މިއޮތީ، އެހެންވީމާ އަޅުގަނޑު މަރުހަބާ ދަންނަވަން އެކަމަށް ވެސް އިނގޭތޯ؟ ރައީސް އަނބުރާ ފޮނުއްވައިލެއްވުމުން މިފަދަ ބިލެއް،" އަނާރާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ އަދަދު މަދު ކުރާ ބިލު ރައީސް އަނބުރާ ފޮނުއްވައިލެއްވި ނަމަވެސް، އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ލީޑަޝިޕުން މީގެ ކުރިން އޮތީ އެ ބިލަށް ތާއީދު ކުރަން ޕީއެންސީގެ މެންބަރުންނަށް އަންގައިފަ އެވެ.

އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، ޕީއެންސީގެ ބައެއް މެންބަރުން އެ ބިލާ ދެކޮޅެވެ. ނަމަވެސް ފަހުން ތާއީދު ކުރެއްވީ ޕީއެންސީގެ ލީޑަޝިޕުން އެންގުމުންނެވެ. އަދި އެ ޕާޓީން ވަނީ އެ ބިލަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ.