Advertisement

 ފިޔާޒަށް ބިރުދެއްކުމަށް ރައީސް ކުރެއްވީ މީގެ ކުރިން ވެރިއަކު ދުވަހަކު ވެސް ނުކުރާ ފަދަ އަމަލެއް: ރާއްޖެ ޓީވީ

16 މާރިޗު 2025 - 22:08 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ޖަލްސާއެއްގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ: އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި ރައީސް މުއިއްޒު ވަނީ އިންޒާރު ދެއްވާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


 ފިޔާޒަށް ބިރުދެއްކުމަށް ރައީސް ކުރެއްވީ މީގެ ކުރިން ވެރިއަކު ދުވަހަކު ވެސް ނުކުރާ ފަދަ އަމަލެއް: ރާއްޖެ ޓީވީ

16 މާރިޗު 2025 - 22:08 6

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ހިންގެވި އަމަލަކީ މީގެ ކުރިން މަތީ ފަންތީގެ އެއްވެސް ވެރިއަކު ނުކުރާ ފަދަ އަމަލެއް ކަމަށާއި ރައީސްގެ އެ އިންޒާރަކީ ޖުމުލަކޮށް މުޅި މީޑިއާއަށް ދެއްވި އިންޒާރެއް ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.

ފިޔާޒުއަށް ގުޅުއްވައި ރައީސް މުއިއްޒު އިންޒާރު ދެއްވުމާ ގުޅިގެން ރާއްޖެ ޓީވީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސްގެ އެ އަމަލާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ރައީސްގެ އެ އަމަލަކީ ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ޖުމުލަކޮށް ރައީސް ދެއްވި އިންޒާރެއް ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

"އަދަދު ނޫހަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ފިޔާޒުއަށް ގުޅުއްވައި ބިރުދައްކަވައި އިންޒާރު ދެއްވި މި އަމަލަކީ މިހާތަނަށް ރާއްޖޭގެ އެންމެ މަތީ ވެރިއަކު މީޑިއާއަކަށް ބިރު ދެއްކުމުގެ ގޮތުން ނުކުރައްވާވަރުގެ ދެރަވަރު އަމަލެއްކަން ވެސް މި ސްޓޭޝަނުން ފާހަގަ ކުރަން،" ރާއްޖެ ޓީވީގެ ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ އެންމެ އިސްވެރިއާ އެފަދަ ކަމެއް ކުރެއްވީތީ އިތުރަށް ކަންބޮޑުވާ ކަމަށާއި އެ މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރާއްޖެ ޓީވީގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

ރާއްޖެ ޓީވީއަކީ ވެސް މީގެ ކުރިން ތަފާތު އެކި އިންޒާރުތައް ލިބި، އެ އިންޒާރުތަކަށްފަހު ސަރުކާރާއި މުއައްސަސާތަކުގެ ހިމާޔަތް ނުލިބި މުދަލަށް ގެއްލުންވެ މުވައްޒަފުންނަށް އަނިޔާ ލިބުމުގެ ތަޖުރިބާ ކުރަންޖެހުނު ސްޓޭޝަނެއްކަން ފާހަގަކޮށް، އަދަދު ނޫހަށާއި މި ނޫހުގެ ސީއީއޯ، ފިޔާޒުއަށް ރައީސް ދެއްވި އިންޒާރުގެ މައްސަލަ ވެސް ސީރިއަސްކޮށް ނަގައި މި ނޫހުގެ ނޫސްވެރިންނަށާއި ފިޔާޒުއަށް ހިމާޔަތްތެރިކަން ފޯރުކޮށްދިނުމަށް އެ ނޫސްބަޔާނުގައި ގޮވާލާފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ ހަމައިން މިއަދާ ހަމައަށް ވެސް އެމަނިކުފާނަށް ތާއީދު ކުރާ މީޑިއާތައް ފިޔަވައި އެހެން މީޑިއާތަކަށް އެކި ގޮތްގޮތުން ދަތި ކުރަމުންދާކަން ވެސް ރާއްޖެ ޓީވީން ފާހަގަކޮށްފައިވެ އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއެކު ސަރުކާރަށް ތާއީދު ކުރާ މީޑިއާތައް ނޫން އެހެން މީޑިއާތައް އެކަހެރި ކުރުމާއި މާލީ ގޮތުން ދަތިކޮށް ހުރަސް އެޅުމުގެ މަސައްކަތް ސަރުކާރުގެ ފެންވަރުގައި ރާވާ އިންތިޒާމު ކޮށްގެން ހިންގަމުން ގެންދާކަން މި ސްޓޭޝަނަށް ފާހަގަ ކުރެވެ އެވެ، ރާއްޖޭގައި މިނިވަންކަމާއެކު ހަރަކާތްތެރިވާން އޮތް ޖާގަ ސަރުކާރުން ހަނިކޮށް ދަތިކުރަމުން ދާކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަން،" ރާއްޖެ ޓީވީގެ ބަޔާނުގައި ބުންޏެވެ.

ފިޔާޒުއަށް ގުޅުއްވައި ރައީސް ބިރުދެއްކުން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެ މައްސަލަ އަދަދު ނޫހުން ރޭގައި ވާނީ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފަ އެވެ.