ރާއްޖޭގެ އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރެވޭނީ އިންފްރާސްޓްރަކްޗާތައް ރަނގަޅުވެގެން

about 21 hours 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން މުފާ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


ރާއްޖޭގެ އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރެވޭނީ އިންފްރާސްޓްރަކްޗާތައް ރަނގަޅުވެގެން

about 21 hours 0

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގެ ކަންކަން ވެސް މުޅި ރާއްޖެ އަށް ފުޅާކުރުން އެއީ މުހިންމު ކަމެއް ކަމަށާއި އެކަމަކު އެ ކަން އެ ގޮތަށް ކުރުމަށްޓަކައި، ރަނގަޅު އިންފްރާސްޓްރަކްޗާތަކެއް ވެސް ގާއިމްވާން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) ވިދާޅުވެއްޖެ އެވެ.

މީރުމާ ހޮޓަލުގެ ސެމިނާ ރޫމުގައި މިއަދު މެންދުރު ފަހު، ފީފާ/އޭއެފްސީ މަންދޫބުންނާއި އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ (އެންސީ)ގެ މެމްބަރުން އަދި އެފްއޭއެމް މެމްބަޝިޕް ކްލަބްތަކުން ވަނީ ފޯރަމެއް/ވޯކްޝޮޕެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމަކީ، ފީފާގެ ލަފަޔާ އެއް ގޮތަށް އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަަދަލުތައް ކްލަބްތަކާ މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމަށް ފަހު، އެފްއޭއެމްގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގައި ވެސް މަސައްކަތް ކުރި މުފާ ވިދާޅުވީ، މި ބައްދަލުވުމުގައި ނޯމަލައިޒިން ކޮމިޓީ އާއި ފީފާ އިން ދެކެވުނު ވާހަކަތަކުގެ ތެރޭގައި އަތޮޅު ފުޓްބޯޅަ އަށް ބާރު ދޭ ގޮތަށް މީގެ ކުރިން ދައްކާފައި ހުރި ވާހަކަތަކަށް އަލި އަޅުވާލަައިފައިނުވާ ކަމަށެވެ.

މުފާ ވިދާޅުވީ، ފުޓްބޯޅަ ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮންނަ ގޮތަށް ކުރިއަށްދިއުމަކީ ހައްލެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ.

"މިހާރު އިން ގޮތުން ވެއްޖިއްޔާ މީތި މާލެ އަށް އަނެއްކާ ވެސް ބަރޯސާވެގެން މާލޭގެ ޓީމުތައް ގިނަކޮށްގެން ކުޅޭ ގޮތަކަށް މިހާރު ސްޓެޓިއުޓްސް އިނީ. އެ ކަމު ނުދާތީ އިންނާނެ އެ ވާހަކަ ދައްކާފައި،" މުފާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ހުރީ ވޯޓިން ރައިޓްސް ނުލިބޭ ޓީމުތަކާ، މެމްބަޝިޕް ލިބޭ ޓީމުތަކާ އޮޓޯއިން މެމްބަޝިޕަށް އަންނަ ގޮތަކާ، އަޅުގަނޑުމެން ވެސް އަނެއްހެން މި ދެއްކި ވާހަކަ އަކީ ފުޓްބޯޅަ އަކީ ވަރަށް ބައިވަރު ބަޔަކު ވަރަށް ބޮޑު ހޭދަތަކެއް ކުރާ ބައެކޭ. މިހާރު އިން ގޮތުން ވެއްޖިއްޔާ މިހާރު މާ ބޮޑަށް މާލެ އަށް ބަރޯސާވަނީ ބޭނުންގޮތަކަށް އައިސް މެމްބަޝިޕް ހަދައިގެން އައިސް، އެއްވެސް ކަހަލަ ލިމިޓެއް ނެތް،"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވެސް މި ވަގުތު އިސް ކަމެއްގެ ގޮތުގައި، މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތެވެ. މުފާ ވިދާޅުވީ، އިސްލާހު ކުރެވޭ ކުޅިވަރު ގާނޫނުގެ ތެރެއިން، ކުޅިވަރު އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ބަދަލުވެ، ރީޖަނަލް އެސޯސިއޭޝަންތައް ހެދުމާ އެކު، ފުޓްބޯޅަ ވެސް އަތޮޅު ތެރެއަށް ދާން ޖެހޭ ގޮތަށް ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދު ހުށަހެޅި ކަންތައްތަކަށް ބަލާއިރު، ނޯމަލައިޒިން ކޮމިޓީ އާއި ފީފާ އިން އަދި ކްލަބްތަކާ އެކަށީގެންވާ ވަރަށް ވާހަކަ ދެކެވިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅި އެތީގައި މި އިންނަނީ، ކްލަބްތައް މި އަށް އިތުރުކޮށްފައި، ވޯޓިން ވަކި ބަޔަކަށް ގިނައިން ލިބޭ ގޮތަށް ހަދާފައި، ކުރިން ހުރި ވަރަށް މުހިންމު ނުކުތާތަކެއް އެބަހުރި އޭގެއިން އުނިކޮށްފައި އެކަމަކު، އަނެއް ގޮތަށް ބަލާނަަމަ ކޮންގްރެސް ވަރަށް . ބާރުވެރިކުރުވިފައި، ފައިސާގެ ގޮތުން ބަލާއިރު ވެސް ކުރިން އެފްއޭއެމްގެ އެކްސްކޯ އަށް ނޫނިންޏާމު އެ ހުންނަ މީހަކަށް ލިބޭ ބާރުތައް ކުޑަކޮށް، އޭތި އުނިކޮށް ކޮންގްރެސް މެމްބަރުންނަށް ބެލޭނެ ގޮތް ހަދާ އެ ކަހަލަ ރަނގަޅުކަންކަން ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އަތޮޅު ތެރެއަށް ފުޓްބޯޅަ ފުޅާކުރާ ވާހަކަ އޭނާ އަބަދުވެސް ދައްކާކަން ފާހަގަކުރައްވައި، މުފާ ވިދާޅުވީ، ބޭނުންވާ ކަންކަން ފުޓްބޯޅައިން ހާސިލްނުވެ އޮތް އެއް ސަބަބަކީ އެކަށީގެންވާ ވަރަށް އިންފްރާސްޓްރަކްޗާ ނެތުން ކަމަށެވެ.

"މައްސަަލަ އަކީ، އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާ ހެދިފައި ނެތުން، ނޫނިއްޔާ އަންނަ ބަޔަކަށް ވެސް މަސައްކަތް ނުކުރެވުން ނޫނިއްޔާ އެ ބަޖެޓް ނުލިބުން. އެންމެ ފުރަތަމަ ކަމަކީ މާލޭގައި ފުޓްބޯޅަ ކުޅުނަސް، މިހާރު ފުޓްބޯޅަ އޮތް ހާލަތުން އަޅުގަނޑުމެން ބޭނުންވަނީ ކުޅޭތަނެއް، ކުޅޭނެ ތަންތަން ހެދިގެން ކުޅުންތެރިންތަކެއް ލިބިގެންވާނީ،" އެންމެ ފަހުން ބާއްވަން މަސައްކަތްކުރި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅި މުފާ ވިދާޅުވި އެވެ.

"މިހާރު ފަސްޓް ޑިވިޝަން 10 ޓީމު މި އުޅެނީ ޕްލޭޔަރުން ނުލިބިގެން، އަޅުގަނޑުމެން މި ޕްރެކްޓިސް ކުރަނީ ދޮޅު ގަޑިއިރު ހާފް ޕިޗުގައި، އަބަދުވެސް މި ކިޔަނީ، ތަންތަން ގިނަކޮށްގެން، ފެސިލިޓީސް ގިނަކޮށްގެންނޭ ކުރިއެރުން ލިބޭނީ، ގަބޫލުކުރާކަމެއް ރާއްޖޭގެ ފުޓްބޯޅަ ފޯރި އަތޮޅު ތެރެ ނުލައި އަޅުގަނޑުމެންނަށް މި ކަމެއް ނުވާނެ. އެންމެ ބޮޑު އެދުމަކީ، އެ މީީހުން އަޅުގަނޑުމެންނާ އެކު ބައިވެރިވެ ކޮމްޕެޓިޓިވް މުބާރާތްތަކެއް ކުރިއަށްގެންދިއުން،"

އީގަލްސްގެ ޗެއާމަން، ފާތިމަތު ސުއާދު (ތާތު) ވިދާޅުވީ، ފީފާ އިން އަސާސީ ގަވާއިދަށް ގެންނަން ވާހަކަ ދެކެވުނު ހުށަހެޅުންތަކަށް ބަލާއިރު، އެފްއޭއެމްގެ ހިންގާ ކޮމިޓީގައި އަންހެން މެމްބަރުންގެ އަދަދު އެކަކުން ދޭކަށް ބަދަލުކުރަން ވާހަކަ ދެކެވުނު ކަމަށެވެ. އަދި، އެކަން ކުރުމަށްޓަކައި، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ހަރަކާތްތައް މިހާރަށް ވުރެ އިތުރުވާން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.